ޚަބަރު

މަޝްވަރާތަކުގެ ތިންވަނަ ބުރުންވެސް ނަތީޖާއެއް ނުނެރެވުނު


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ބޭއްވި ޞުލްޙައިގެ މަޝްވަރާތަކުގެ ތިންވަނަ ބުރުންވެސް ނަތީޖާއެއް ނުނެރެވި ނިންމާލަން ޖެހިއްޖެއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން ހުއްޓާލުމަށް ބޭއްވި ޞުލްޙައިގެ މަޝްވަރާތަކުގެ ތިންވަނަ ބުރުވެސް ބާއްވާފައިވަނީ އަވަށްޓެރި ބެލަރޫސްގައެވެ. އެ މަޝްވަރާތަކުގައި ބައިވެރި ރަޝިޔާގެ ވަފުދުން ބުނެފައިވަނީ ވާހަކަތަކުން ޔޫކްރެއިނާ ޞުލްޙަވުމާ ގާތަށް ދެވިފައިނުވާކަމަށާއި އުއްމީދުކުރި ނަތީޖާއެއް ނުލިބުނުކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ދައްކަމުންދާ ވާހަކަތަކުން ނަތީޖާއެއް ލިބޭނެކަމާމެދު ސުވާލުއުފެދުނު ނަމަވެސް މަޝްވަރާތަކުގެ ހަތަރުވަނަ ބުރެއް ބާއްވާނެކަމަށްވެސް އެ ވަފުދުން ބުނެފައިވެއެވެ.

ރަޝިޔާގެ ރިޔާސީ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެފައިވާ ގޮތުގައި މަޝްވަރާތަކުން އެ ޤައުމުން އެދިފައިވަނީ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ދުވަހަކުވެސް ނުހޯދާނެކަމަށް ޔޫކްރެއިނުގެ ޤާނޫނުއަސާސީގައި ހިމެނުމަށާއި 2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކްރެއިނުގެ ކުރިމިޔާގެ މިލްކުވެރިކަމަށް ދަޢުވާ ނުކުރުމަށާއި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތް ބަލައިގަތުމަށެވެ. އަދި އެ ޝަރުތުތަކަށް އެއްބަސްވެއްޖެނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން ހުއްޓާލާނެކަމުގެ ޔަޤީންކަން ޕެސްކޯފްވަނީ ދެއްވައިފައެވެ. ނަމަވެސް ޔޫކްރެއިނުންވަނީ އެ ޝަރުރުތައް ބަލައިގަތުމަށް ދެކޮޅުހަދައިފައެވެ.

ޞުލްޙައިގެ މަޝްވަރާތަކުގެ ތިންވަނަ ބުރެއް ބޭއްވުމުގެ ކުރިން ރަޝިޔާއިންވަނީ ޔޫކްރެއިނުގެ މުޙިއްމު ރަށްތަކަށް ދެމުންދާ ޙަމަލާތައް މެދުކަނޑާލައި އެ ސަރަޙައްދުތަކުގައި ތާށިވެފައިވާ އެތައް ހާސް ޢާއްމުންނެއް ރައްކާތެރިކަމާއެކު އެ ޤައުމުން ދެވޭނެ މަގު ފަހިކޮށްދީފިއެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔޫކްރެއިނު ދޫކޮށް 1.5 މިލިޔަނަށްވުރެ ގިނަ މީހުންވަނީ ގޮސްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޢަދަދު ފަސް މިލިޔަނަށް އިތުރުވާނެކަމަށްވަނީ އދންވަނީ ލަފާކޮށްފައެވެ. ޔޫކްރެއިނު ދޫކޮށް އެންމެ ގިނަ ޢަދަދެއްގެ ޢާއްމުން ގޮސްފައިވަނީ ޕޯލޭންޑަށާއި ރޮމޭނިޔާއަށާއި ރަޝިޔާއަށެވެ.