މިއަދަކީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރަގަތުމަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ހިންގާ ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ އދ.އިން ކުރިއަށް ގެންދާ "ޖެނެރޭޝަން އީކްއަލިޓީ" ނުވަތަ ހަމަހަމަ ޖީލު، ކެމްޕޭނާ ގުޅުވައިގެންކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއެވެ.
މި ކެމްޕޭނަކީ ހުރިހާ ދާއިރާއެއްގައިވެސް ކަންކަން ނިންމުމުގައި އަންހެނުންނަށް ލިބިފައިވާ ޙައްޤު ހޯދައިދިނުމާއި، މަސައްކަތްތަކުގައި ހަމަހަމަ އުޖޫރަ ލިބިދިނުމާއި، އެއްވެސް އުޖޫރައަކާ ނުލައި ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދެޖިންސުގެ ހަމަހަމަ ބައިވެރިވުން އޮތުމާއެކު، އަންހެނުންގެ ބޭނުންތަކަށް އިޖާބަދޭ ސިއްޙީ ޚިދުމަތްތައް ޤާއިމުކުރުމަށާއި އަންހެނުންނާއި އަންހެން ކުދިންނަށް
ކުރާ އެންމެހައި އަނިޔާ ހުއްޓުވުމަށް ބާރުއަޅާ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ.
އެހެންކަމުން އަންހެނުންގެ ދުވަހާ ގުޅުވައިގެން ހިންގާ ހުރިހާ ޙަރަކާތެއްގައިވެސް ހޭޝްޓެގްގެ ގޮތުގައި "ޖެނެރޭޝަން އީކްއަލިޓީ" ނުވަތަ ހަމަހަމަ ޖީލު، ބޭނުން ކުރުމަށް ރަސްމީކޮށް ވަނީ ނިންމާފައެވެ. އަދި މިގޮތަށް މި ހޭޝްޓެގް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެދިވަޑައިގަނެއެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އެއްވެސް ޑިވިޜަނަކުން ނުވަތަ މުވައްޒަފުން އެއްވެސް ޙަރަކާތެއް ހިންގާކަމަށް ވާނަމަ ސަމާލުކަން ދޭންޖެހޭ ބައެއްކަންކަން އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.
އޭގެތެރޭގައި "ޖެންޑާ އީކްއަލިޓީ ޓުޑޭ ފޮރ އަ ސަސްޓެއިނަބަލް ޓުމޯރޯ" ނުވަތަ މިއަދު މިންތީގެ ހަމަހަމަކަން - ދެމެހެއްޓެނިވި މާދަމާއަކަށް، މި ޝިޢާރުގެ މަޤުސަދު ހާޞިލްކުރެވޭފަދަ ޙަރަކާތްތައް ހިންގުމާށާއި "ޖެނެރޭޝަން އީކްއަލިޓީ" ނުވަތަ ހަމަހަމަ ޖީލު، ހޭޝްޓެގެއްގެ ގޮތުގައި، ދުވަހުގެ ހުރިހާ ޙަރަކާތެއްގައިވެސް ބޭނުން ކުރުން ހިމެނެއެވެ. އަދި ދުވަހު ގެ ޙަރަކާތްތަކުގައި ވަކި ޖިންސަކަށް ނިސްބަތްވާކަމަށް މުޖުތަމަޢުގައި ޢާއްމުކޮށް ޤަބޫލުކުރެވިފައިވާ ކުލަތައް ބޭނުން ނުކުރުމާއި މިދުވަސް ފާހަގަކުރުމުގެ ގޮތުން އޮފީހުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ރަތްދޫލަ އަޅައިދީ، ހަމައެކަނި އަންހެނުން ކުރަންޖެހޭކަމަށް މުޖުތަމަޢުގައި ޤަބޫކުރާ މަސައްކަތްތަކާ ގުޅުންހުރި ތަކެތި ހަދިޔާގެ ގޮތުގައި ނުދިނުންމަށްވެސް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.
މިކަމުގެ މަޤުސަދަކީ ދުވަހުގެ ޝިޢާރާއި އދ އިން ކުރިއަށް ގެންދާ "ޖެނެރޭޝަން އީކްއަލިޓީ" ނުވަތަ ހަމަހަމަ ޖީލު، ކެމްޕޭނުގެ މަޤުސަދާ އެއްގޮތްވާގޮތުގެމަތިން މިދުވަހުގެ ޙަރަކާތްތައް ހިންގުންކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއެވެ.
ކޮންމެ އަހަރެއްގެވެސް މާރޗްމަހުގެ 8 ވަނަ ދުވަހަކީ އިޤްތިޞާދީ، ސިޔާސި އަދި އިޖްތިމާޢި ކަންކަމުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. ތާރީޚަށް ބަލާލާއިރު މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ 1911ވަނަ އަހަރުގައެވެ.
އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރަގަތުމަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަދި އެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ، ކުރަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމާއި ކުރިއަށްއޮތް ޖީލުތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި މުޖުތަމައުގައި އެމީހުންނަށް ހައްޤުވާ މަޤާމު ހޯދައި ދިނުމަށް ބާރުއެޅުމެވެ. މީގެ އިތުރުން އަންހެނުންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ.
އަންހެނުންގެ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާއިރު، ރާއްޖޭގައި އަންހެނުންނަށް ކުރާ ޤަދަރާއި، މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް ކުރާ މަސައްކަތްތަކާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖެއަށް ބަލާއިރު ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުން ތަފާތެއް ނުކުރެއެވެ. މުސާރަ ދިނުމުގައި ޒިންމާ ޙަވާލުކުރުމުގައި އެއްވެސް ތަފާތެއް ނެތެވެ. ސިޔާސީ މައިދާނުގައްޔާއި ސިޔާސަތު ކަނޑައަޅާ ވަޒީފާތަކުގައި އަންހެނުންގެ ޢަދަދު މަދުވިކަމުގައިވިޔަސް، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ހެދިފައި ހުރި ގޮތުން، އަންހެނަކަށް ވީތީ ސިޔާސީ މަޤާމުތަކަށް ވާދަކުރުމުގެ ހައްޤުން މަހްރޫމްކުރެވިފައެއް ނޯވެއެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންކަމަށް ކުރިމަތިލުމުގައި ވެސް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ކުރިއާ އަޅާ ބަލާއިރު މިފަދަ މަޤާމުތަކަށް އަންހެނުން ކުރިމަތިލާ މިންވަރުވެސް މަދެއްވެސް ނޫނެވެ. މިކަމަށް އިތުރަށް ބާރު އެޅުއްވުމުގެގޮތުން މިސަރުކާރުންވަނީ ލޯކަލް ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަކޮށް ޤާނޫނަކުން އެފުރުސަރު ފަހިކޮށްދެއްވާފައެވެ. އަދި އަންހެހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ރަސްމީކުރައްވައި އެކޮމިޓީތަކުގެ މެމްބަރުންނަށް މުސާރަދެއްވަން ވަނީ ފަށްޓަވާފައެވެ.
ސަރުކާރުންވެސް އަންނަނީ އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދާދީ، އެކަނިވެރިމައިނަށް ޚާއްސަ ޢިނާޔަތާ، ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައްވެސް ސަރުކާރުން ވަނީ އަންހެނުންނަށް ފަހިކޮށްދެއްވާފައެވެ.
ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަންގެ ތަފާސްހިސާބުތަަކަށް ބަލާލާއިރު، ސިވިލް ސަރވިސް ޚިދުމަތުގައި ފިރިހެނުންނަށްވުރެ ގިނައީ އަންހެނުންނެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ އަންހެނުން ކަމަށް ވީއިރު، އަންހެނުން ބާރުވެރި ކުރުވައި، ޤައުމުގެ ކުރިއެރުމުގައި ހުރިހާ ގޮތަކުންވެސް ބައިވެރިކުރުވުން މުހިންމެވެ. އަދި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ގޮންޖެހުންތައް ނައްތާލުމަށް ހުރިހާ ފެންވަރެއްގައިވެސް އަދިވެސް އިތުރު މަސައްކަތް ކުރަންޖެހެއެވެ.