ޔޫކްރެއިނުގެ މުޙިއްމު ރަށްތަކަށް ދެމުންދާ ޙަމަލާތައް މެދުކަނޑާލައި ތާށިވެފައިވާ އެތައް ހާސް ޢާއްމުންނެއް ރައްކާތެރިކަމާއެކު އެ ޤައުމުން ދެވޭނެ މަގު ރަޝިޔާއިން ފަހިކޮށްދީފިއެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ދެމުންދާ ވަރުގަދަ ޙަމަލާތައް މެދުކަނޑާލައި އެ ޤައުމުގެ މުޙިއްމު ރަށްތައްކަމަށްވާ ކިޔޭވާއި ކަރްކީވާއި ސޫމީއާއި މަރިއޮޕޮލުގައި ތާށިވެފައިވާ އެތައް ޙާސް ޢާއްމުންނަށް ރައްކާތެރިކަން ކަށަވަރުވާނެކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިންވަނީ ބުނެފައެވެ. އެ ގޮތުން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވުގައި ތާށީވެފައިވާ ޢާއްމުން އަވަށްޓެރި ބެލަރޫސަށް އަދި އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަރްކީވުގައި ތާށިވެފައިވާ ޢާއްމުން ރަޝިޔާއަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އޭގެ އިތުރުން ސޫމީއާއި މަރިއޮޕޮލުގައި ތާށިވެފައިވާ ޢާއްމުން ރަޝިޔާގެ އިތުރުން ޔޫކްރެއިނުގެ އެހެން ސަރަޙައްދުތަކަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ކިޔޭވުން އެތައް ހާސް މީހުންނެއް ވައިގެ މަގުން ރަޝިޔާއަށް ގެންދިޔުމުގެ އިތުރުން ޢާއްމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަސްކަރީ ޑުރޯން ބޭނުންކުރާނެއެވެ. އަދި ރަޝިޔާއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އޮޅުވާލުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް މި ފަހަރު ކާމިޔާބުނުވާނެކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.
ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔޫކްރެއިނު ދޫކޮށް 1.5 މިލިޔަން މީހުންވަނީ ގޮސްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޢަދަދު ފަސް މިލިޔަނަށް އިތުރުވާނެކަމަށްވަނީ އދންވަނީ ލަފާކޮށްފައެވެ. ޔޫކްރެއިނު ދޫކޮށް އެންމެ ގިނަ ޢަދަދެއްގެ ޢާއްމުން ގޮސްފައިވަނީ ޕޯލޭންޑަށާއި ރޮމޭނިޔާއަށާއި ރަޝިޔާއަށެވެ.
ޔޫކްރެއިނުގެ މުޙިއްމު ރަށްތަކުގައި ތާށިވެފައިވާ އެތައް ހާސް ޢާއްމުންނެއް ރައްކާތެރިކަމާއެކު އެ ޤައުމުން ދެވޭނެ މަގު ރަޝިޔާއިން ފަހިކޮށްދީފައިވަނީ ތިން މިލިޔަން މީހުން ދިރިއުޅޭ ކިޔޭވަށް ވަރުގަދަ ޙަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ބާރުގެ ދަށަށް ކިޔޭވު ގެނައުމަށް އެ ޤައުމުންވަނީ އެތައް ހާސް ސިފަައިންނެއް އެ ސަރަޙައްދަށް ޖަމާކޮށްފައެވެ.