ޚަބަރު

ޔޫކްރެއިންގެ ދެކުނުގެ ދެ ސިޓީއަކުން އާންމުން ހުސްކުރުން ހުއްޓުމަކަށް އައިސްފި


ޔޫކްރެއިންގެ ދެކުނުގެ ދެ ސިޓީއަކުން އާންމުން ހުސްކުރުން ހުއްޓުމަކަށް އައިސްފިއެވެ.

ހަނގުރާމައިން ސަލާމަތްވުމަށް ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަޝިޔާއިން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލިކަން އިޢުލާނުކުރުމާ ގުޅިގެން ޔޫކްރެއިނުން އާއްމުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް މިކަމަށް ބުރޫ އެރީ ރަޝިޔާއިން ހުއްޓުމެއްނެތި އަނެއްކާވެސް ޙަމަލާތައް ދޭން ފެށުމުންކަމަށް ޔޫކްރެއިންގެ ސަރުކާރުން ބުނެއެވެ.

ހޮނިހިރު ދުވަހު ރަޝިޔާއިން ބުނީ އެ ގޤައުމުގެެ ފައުޖުތަކުން މަރިއުޕޯލް އާއި ވޮލްނޮވަޚާ ސިޓީގެ ކައިރީގައި ބަޑީގެ ހަމަލާތައް ހުއްޓާލީ އާންމުންނަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަިށެވެ. ނަމަވެސް ޔޫކްރެއިންގެ އޮފިޝަލުން ވަނީ ރަޝިޔާ ސިފައިން ބައިނަލްއަގްވާމީ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް އަމަލުތައް ބަހައްޓަމުންދާކަމަށް ތުޙުމަތުކޮށްފައެވެ.

އެގޮތުން، ޔޫކްރެއިންގެ ރައީސް ވްލޮޑިމީރް ޒެލެންސްކީގެ އޮފީހުގެ ޑެޕިއުޓީ ހެޑް، ކްރިލޯ ޓިމޮޝެންކޯ ވިދާޅުވީ، ރަޝިޔާގެ ފަރާތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހިފަހައްޓާފައި ނުވާ ކަމަށާއި، މަރިއުޕޯލް އަށާ ވަށައިގެންވާ ސަރަހައްދުތަކުގައި ވެސް ބަޑީގެ ހަމަލާތައް ދެމުން ގެންދާ ކަމަށެވެ. އަދި ރައްކާތެރި ފުރުސަތެއް އާއްމުންނަށް ދިނުމާ ގުޅޭ މަޝްވަރާތައް ރަޝިޔާ ފެޑެރޭޝަނާއެކު ކުރަމުންދާކަށްވެސް ޔޫކްރެއިންގެ ރައީސް އޮފީހުގެ ޑެޕިއުޓީ ހެޑް ހާމަކުރެއްވިއެވެ.

ނަމަވެސް ރަޝިޔާގެ ދިފާއީ ވުޒާރާއިން ފަހުން ވަނީ އެ ދެ ސިޓީގައި ތިބި ޔޫކްރެއިންގެ ނޭޝަނަލިސްޓުން އާންމުން ފޭބުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމުގައި ދެމިތިބި ކަމަށެވެ.

މަރިއުޕޯލްގައި ފަސް ގަޑިއިރުގެ ވަގުތެއް ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ހުއްދަ ދޭނެ ކަމަށް އެ ސިޓީގެ އޮފިޝަލުންނާ ހަވާލާދީ އެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ. ޔޫކްރެއިން ގެ ސަރުކާރުން ބުނީ އުއްމީދަކީ އެ ސިޓީިން 200،000 އެއްހާ މީހުން އަދި ވޮލްނޮވަކާއިން 15،000 މީހުން ހުސްކުރުްވުން ކަމަށާއި ރެޑް ކްރޮސް އަކީ ހަނގުރާމަ ހުއްޓާލުމުގެ ގެރެންޓީ ދޭ ފަރާތެއް ކަމަށެވެ. ނަމަވެސް ފަހުން ވަނީ މީހުން ބޭރުކުރުން ލަސްކޮށްފައެވެ.