ޚަބަރު

ޔޫކްރެއިނުގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމުކުރަން ނޭޓޯއިން ދެކޮޅު


ޔޫކްރެއިނުގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމުކުރުމަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ދެކޮޅުހަދައިފިއެވެ.

ބެލްޖިޔަމުގެ ވެރިރަށް ބުރަސަލްސްގައި ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށްފަހު އެ އިއްތިޙާދުގެ ސެކެޓުރީ ޖެނެރަލް ޔާންސް ސުޓޮލްޓެންބާގު ވިދާޅުވީ ނޭޓޯއަކީ ޔޫކްރައިނުގައި ކުރަމުންދާ ހަނގުރާމައިގެ ބައިވެރިއެއް ނޫންކަމަށާއި ހަނގުރާމައިގައި އެއްވެސް މިންވަރަކަށް ނޭޓޯގެ ބައިވެރިވުމެއް އޮތްނަމަ މިހާރަށްވުރެ ބޮޑު ގެއްލުމަކާ ވިލާތުގެ ޤައުމުތަކުން ކުރިމަތިލާން ޖެހޭނެކަމަށްށެވެ. އެހެންކަމުން ޔޫކްރެއިނުގެ ހަނގުރާމައިގައި އެއްވެސް މިންވަރަކަށް ނޭޓޯއިން ބައިވެރިނުވާން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން އެ ޤައުމުގެ ރައީސް ވޮލޮދިމީރް ޒެލެންސްކީވަނީ އެ ޤައުމުގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމުކޮށްދިނުމަށް ނޭޓޯއަށް އެތައް ފަހަރަކު ގޮވާލައިފައެވެ. ޔޫކްރެއިނަށް ޙަމަލާދޭން ފެށިތާ އެންމެ ފުރަތަމަ ދެތިން ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ ވައިގެ އަސްކަރީ ފައުޖުވަނީ ރަޝިޔާއިން ނައްތާލައިފައެވެ. އެއާއެކު ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާ ކުރިމަތިލުމަށް ޔޫކްރެއިނަށްވަނީ ނުކުޅެދިފައެވެ. ޔޫކްރެއިނުގައި އުދުހުން މަނާ ސަރަޙައްދެއް ނޭޓޯއިން ޤާއިމުކޮށްފިނަމަ އެ ސަރަޙައްދަށް ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަނުން ހުއްޓުވަން ޖެހޭނެއެވެ. އެއާއެކު ރަޝިޔާއާއި ނޭޓޯގެ ކުރިމަތިލުމަކަށް މަގުފަހިވެ ވިލާތުގެ ހުރިހާ ސަރަޙައްދަކަށް ހަނގުރާމަ ފެތުރޭނެއެވެ. ނޭޓޯއިން ތަކުރާރުކޮށް ބުނެފައިވަނީ އެއީ އެ އިއްތިޙާދުން އެއްވެސް ވަރަށް ބޭނުންވާ ގޮތެއް ނޫންކަމަށެވެ.

30 ޤައުމުގެ މައްޗަށް އެކުލެވޭ ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ތުރުކީވިލާތުން ބުނެފައިވަނީ ވިލާތުގެ އިއްތީޙާދުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ އެއްވެސް މަތިންދާބޯޓެއް ވަނުން މަނާކުރި ނަމަވެސް އެ ޤައުމުން އެ ނިންމުމަށް ޢަމަލުނުކުރާނެކަމަށެވެ. ނަމަވެސް ތުރުކީވިލާތުންވަނީ ޔޫކްރެއިނަށް އަސްކަރީ ބައެއް ސާމާނު ފޯރުކޮށްދީފައެވެ. ތުރުކީވިލާތަކީ ވިލާތުގެ އިއްތިޙާދުގެ ޤައުމެއް ނޫނެވެ. އަދި ޔޫކްރެއިނަކީ ވިލާތުގެ އިއްތިޙާދަށް އަދި ނޭޓޯއަށްވެސް ނިޞްބަތްވާ ޤައުމެއް ނޫނެވެ.