މުނިފޫހިފިލުވުން

އަނެއްކާވެސް ސްޓަރ ކިޑެއް، މި ފަހަރުވެސް ކަރަން


ކާމިޔާބު ޕްރޮޑިއުސަރ، ޑައިރެކްޓަރ ކަރަން ޖޯހަރު ވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިން ފިލްމީ ދާއިރާއަށް ނެރެދޭ އެންމެ މުހިއްމު މީހާއަށެވެ. ފަހަކަށް އައިސް ސިނަމާތަކަށް އޭނާ ތައާރަފުކޮށްދިން ސްޓަރ ކިޑްސް އަންނަނީ ދާއިރާގެ ވަރަށް ކާމިޔާބުތައްވެސް ހޯދަމުންނެވެ.

އަނެއްކާވެސް ކަރަން މިވަނީ ސްޓަރ ކިޑެއް ނެރެން ތައްޔާރުކޮށް އެނާގެ ފުރަތަމަ ފިލްމުގެ ޕޯސްޓަރުތައްވެސް ދައްކާލާފައެވެ. ކަރަންގެ މިފަހަރުގެ ސްޓަރ ކިޑަކީ ބޮލީވުޑްގެ އެކްޓަރ ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރްއެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޝަނާޔާ ތައާރަފުކުރާ ފިލްމަކީ "ބޭދަޅަކް" އެވެ. މި ފިލްމުގައި ޝަނާޔާގެ އިތުރުން މުޅިން އަލަށް މި ދާއިރާއަށް ނުކުންނަ ދެ ތަރިންވެސް ފެންނާނެއެވެ. އެއީ ލަކްޝް ލަލްވާނީ އާ ގްރުފަތޭ ސިންގްއެވެ. މީގެތެރެއިން ލަކްޝް އަކީ ސޮނީ ޓީވީން ދެއްކި "ޕޯރަސް" އިން މަޝްހޫރުކަން ހޯދި ފަންނާނެކެވެ.

މި ފިލްމުގެ ޝޫޓިންތައް ފެށީ މިދިޔަ ނޮވެމްބަރު މަހުއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަންކް ކައިތާންއެވެ.

ބޮލީވުޑްގެ އެކްޓަރުންގެ އަނބިންގެ ލައިފްސްޓައިލް ދައްކުވައިދިން ސީރީޒްގެ އެއް ބައިވެރިޔަކީ ޝަނާޔާގެ މަންމަ މަހީޕް ކަޕޫރެވެ.

ޝަނާޔާ އަކީ އޭނާގެ ބައްޕަޔާއި އެއްބަޑު އެއްބަފާ ހަތަރު ބެއިން ކަމަށްވާ އަނިލް އާއި ބޯނީ އަދި ރީނާ ކަޕޫރްގެ ދަރިންގެ އިތުރުން އެ ބޮޅަށް އެންމެ ފަހުން އިތުރުވި ތަރިއެވެ. އަނިލްގެ ތިން ކުދިންގެ ތެރެއިން ސޯނަމާއި ހާޝްވަރުދަން ކަޕޫރަކީ ފިލްމީ ތަރިންނެވެ. ބޯނީގެ ދަރިންގެ ތެރެއިން އަރުޖުން ކަޕޫރާއި ޖާންވީ އަކީ ފިލްމީ ތަރިންނެވެ. އަދި ރީނާގެ ދަރިފުޅު މޯހިތު މަރްވާ އަކީ ވެސް އެކްޓަރެކެވެ.