މުނިފޫހިފިލުވުން

ކޮޕީރައިޓްގެ މައްސަލައެއްގައި ދުއާ ލިޕާ ގޮވައިގެން ކޯޓަށް


ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާގެ ހިޓް ލަވަ "ލެވުޓޭޓިން" ގެ ކޮޕީރައިޓްގެ މައްސަލައެއްގައި އޭނާއާއި ދެކޮޅަށް ދައުވާކޮށްފިއެވެ. ދުއާ އާ ދެކޮޅަށް ދައުވާ ކުރަނީ ފްލޮރިޑާގެ ބޭންޑެއްކަމަށްވާ އާޓިކަލް ސައުންޑް ސިސްޓަމުންނެވެ.

އެ ބޭންޑުން ބުނަނީ "ލެވުޓޭޓިން" އަކީ 2017 ވަނަ އަހަރު އެމީހުން އުފައްދާފައިވާ "ލިވް ޔުއާ ލައިފް" ގެ ޓްރެކެއްކަމަށެވެ.

ލޮސް އެންޖަލިސްގެ ފެޑަރަލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި 26 އަހަރުގެ ދުއާ ލިޕާގެ އިތުރުން ލަވައިގެ ޕްރޮޑިއުސަރާއި ލަވަ ރެކޯޑްކުރި ވޯނާ ރެކޯޑްސްގެ އިތުރުން ލަވައިގެ ލިރިކްސް ލިޔުނު މީހާ އާ ދެކޮޅަށްވެސް ވަނައި ދައުވާކޮށްފައެވެ.

މި ދައުވާގައި އާޓިކަލް ސައުންޑް ސިސްޓަމުން ބޭނުންވަނީ "ލެވުޓޭޓިން" އިން ލިބުނު ފައިދާއިން ބައެއް އެމީހުންނަށްވެސް ދިނުމަށެވެ. މި މިއްސަލަ އާ ގުޅިގެން ދުއާ ލިޕާވެސް އަދި މައްސަލައިގައި ހިމެނޭ އެހެން މީހަކުވެސް މިހާތަނަށް އެއްޗެއްކެ ނުބުނެއެވެ.

2020 ވަނަ އަހަރު ރިލީޒްކުރި މި ލަވަ ވަނީ ބިލްބޯޑް ހޮޓް 100 ލައިވައިގެ ތެރޭގައި 68 ހަފްތާ ވަންދެން ހިފަހައްޓާލާފައެވެ. އަދި މިދިޔަ އަހަރުގެ ހޮޓް 100 ގެ ލިސްޓުގެ އެންމެ ކުރީގައިވެސް އޮތީ މި ލަވައެވެ.

ދުއާ ލިޕާގެ ފަސްވަނަ ސިންގަލްގެ ގޮތުގައި ނެރުނު މި ލަވައިގެ ދެ ރީމިކްސް އެއްވެސް މިހާރުވަނީ ނެރެފައެވެ. މީގެއިތުރުން މި ލަވަ ވަނީ މިދިޔަ އަހަރު ބޭއްވި އެމްޓީވީ ވީޑިއޯ މިޔުޒިކް އެވޯޑަށް ނޮމިނޭޓްވެސް ވެފައެވެ.