ޚަބަރު

ޒެލެންސްކީ ބޭނުންފުޅުވަނީ ސީދާ ޕުޓިންނާ މަޝްވަރާކުރައްވަން


ހަނގުރާމަ ހުއްޓާލައި ދާޢީމީ ޞުލްޙައެއް ޤާއިމުކުރުމަށް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނުގެ ވެރިރަށް ކިޔޭވުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އަވަށްޓެރިންގެ ގޮތުގައި ރަޝިޔާއާއި ޔޫކްރެއިނު މަޝްވަރާކުރަން ޖެހޭކަމަށެވެ. އަދި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގެ އިސްވެރިންނާ ބައްދަލުކުރެއްވިފަދަ 30 ފޫޓުގެ ދިގު މޭޒެއްގައި އެފަދަ މަޝްވަރާތަކެއް ކުރުން މުޙިއްމު ނޫންކަމަށާއި ރަޝިޔާއާއި ޔޫކްރެއިނަކީ އެއަށްވުރެ ގާތް ދެ ޤައުމުކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ނަމަވެސް އޭނާވަނީ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން ކުރިމަތިކޮށްފައިވާ ޝަރުތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދެކޮޅުހައްދަވައިފައެވެ.

ރަޝިޔާގެ ސަލާމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމެއްކަމަށް އެ ޤައުމުން ބުނެފައިވަނީ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ޔޫކްރެއިނުން ހޯދައި ނިޔުކްލިޔަރ ހަތިޔާރު ގެންގުޅުމެވެ. އަދި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލާނީ ޔޫކްރެއިނުގެ އަސްކަރީ ބާރުވެރިކަން ނައްތާލުމަށްފަހުކަމަށްވެސް ރަޝިޔާއިން ބުނެފައިވެއެވެ.