ޚަބަރު

އުސްމަނޯވުގެ 512 ފޫޓުގެ ސުޕަޔޮޓު އަތުލައިގެންފި


ރަޝިޔާގެ އެންމެ މުއްސަނދި އެއް މަހުޖަނު އެލީޝާ އުސްމަނޯވުގެ ސުޕަޔޮޓު އަތުލައިގެންފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިޙާދުންނާއި އިނގިރޭސިވިލާތުންނާއި އެމެރިކާއިންނާއި ކެނެޑާއިންނާއި އޮސްޓުރޭލިޔާއިންނާއި ޖަޕާނުންވަނީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ސުޓާލިން ޕައުންޑާއި ޑޮލަރުގެ މުޢާމަލާތްތައްކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުމާއި ރަޝިޔާގެ 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު ނުހޯދޭނެ ގޮތް ހެދުން ހިމެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުސްމަނޯވުގެ ސުޕަޔޮޓުކަމަށްވާ ދިލްބާރު އަތުލައިގެންފައިވަނީ ޖަރުމަންވިލާތުގެ ހަންބާގުންނެވެ. ދިގުމިނުގައި 512 ފޫޓު ހުންނަ ދިލްބާރަކީ ދުނިޔޭގެ އެންމެ ބޮޑު ޔޮޓެވެ. އަދި އެއީ ޔުސްމަނޯވުގެ މިލްކިއްޔާތުގައިވާ އޭނާ އެންމެ ފަޚްރުވެރިވާ މުދަލެވެ. ދެ ހެލިޕެޑު އޮންނަ ދިލްބާރުގެ ސުވިމިން ޕޫލަކީ ޔޮޓެއްގައި ހަދާފައިވާ އެންމެ ބޮޑު ސުވިމިން ޕޫލެވެ. 600 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ދިލްބާރުގައި ސެލޫނަކާއި ޖިމަކާއި 12 ކޮޓަރި ހުރެއެވެ.

ޢުމުރުން 68 އަހަރުގެ އުސްމަނޯވު މުއްސަނދިކަން ހޯދާފައިވަނީ މުވާޞަލާތީ އަދި މައުދަނުގެ ވިޔަފާރިންނެވެ. މިލްކިއްޔާތުގައި 17 ބިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހުންނަ އުސްމަނޯވުވަނީ ތަފާތު ގިނަ ކުޅިވަރުތަކަށްވެސް ޚަރަދުކޮށްފައެވެ. އެ ގޮތުން 2018ވަނަ އަހަރާ ހަމައަށް އިނގިރޭސިވިލާތުގެ ޕުރިމިޔަރ ލީގުގައި ކުޅޭ އާސަނަލުގައިވެސް އޭނާގެ ޙިއްޞާ އޮތެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ރަޝިޔާގެ މަހުޖަނުންގެ ސުޕަޔޮޓުތައް އެންމެ ގިނައިން އަންނަނީ ދިވެހިރާއްޖެއަށެވެ. ކަނޑުއުލަނދުފަހަރުގެ ދަތުރުތަކާބެހޭ މަޢުލޫމާތު ޙިއްޞާކުރާ މެރިން ޓުރެފިކުން ބުނެފައިވާ ގޮތުގައި މިހާރުވެސް ރަޝިޔާގެ ތިން މަހުޖަނެއްގެ ތިން ސުޕަޔޮޓެއް އޮތީ ރާއްޖޭގައެވެ. އޭގެ ތެރޭގައި ރަޝިޔާގެ އެންމެ މުއްސަނދި މަހުޖަނުކަމަށްވާ ވުލަޑުމީރް ޕޮތަނިންގެ 288 ފޫޓުގެ ސުޕަޔޮޓުކަމަށްވާ ނިރްވާނާއާއި އޯލޭގު ދެރިޕަސްކާގެ ސުޕަޔޮޓުކަމަށްވާ ސިލިއޯއާއި އެލެކްސެންދަރް އަބްރަމޯފުގެ ސުޕަޔޮޓުކަމަށްވާ ޓައިޓަން ހިމެނެއެވެ. އެ ތިން އުޅަނދުވެސް އެންމެ ފަހުން ފެނިފައިވަނީ މެދއިރުމަތީގެ އެކި ބަނދަރުތަކުންނެވެ.