ރަޝިޔާގެ އެންމެ މުއްސަނދި މަހުޖަނުންގެ ސުޕަޔޮޓުތައް ރައްކާތެރިކަން ހޯދުމަށް ދިވެހިރާއްޖެއަށް އަންނަން ފަށައިފިއެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިޙާދުންނާއި އިނގިރޭސިވިލާތުންނާއި އެމެރިކާއިންނާއި ކެނެޑާއިންނާއި އޮސްޓުރޭލިޔާއިންނާއި ޖަޕާނުންވަނީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ސުޓާލިން ޕައުންޑާއި ޑޮލަރުގެ މުޢާމަލާތްތައްކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުމާއި ރަޝިޔާގެ 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު ނުހޯދޭނެ ގޮތް ހެދުން ހިމެނެއެވެ. އޭގެ އިތުރުން ދުނިޔޭގައި އޮންލައިންކޮށް ފައިސާގެ މުޢާމަލާތްކުރާ ނިޒާމުން ރަޝިޔާ ބާކީކޮށް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ މުދަލާއި ފައިސާ ހިފެހެއްޓުމަށްވެސްވަނީ ނިންމައިފައެވެ.
ކަނޑުއުލަނދުފަހަރުގެ ދަތުރުތަކާބެހޭ މަޢުލޫމާތު ޙިއްޞާކުރާ މެރިން ޓުރެފިކުން ބުނެފައިވަނީ މިހާރުވެސް ރަޝިޔާގެ ތިން މަހުޖަނެއްގެ ތިން ސުޕަޔޮޓެއް އޮތީ ރާއްޖޭގައެވެ. އޭގެ ތެރޭގައި ރަޝިޔާގެ އެންމެ މުއްސަނދި މަހުޖަނުކަމަށްވާ ވުލަޑުމީރް ޕޮތަނިންގެ 288 ފޫޓުގެ ސުޕަޔޮޓުކަމަށްވާ ނިރްވާނާ ހިމެނެއެވެ. އޭގެ އިތުރުން އޯލޭގު ދެރިޕަސްކާގެ ސުޕަޔޮޓުކަމަށްވާ ސިލިއޯވެސް އޮތީ ރާއްޖޭގައެވެ. އޭނާއަކީ 2018ވަނަ އަހަރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހެކެވެ. އަދި މައުދަނުގެ ވިޔަފާރިން މުއްސަނދިކަން ހޯދާފައިވާ އެލެކްސެންދަރް އަބްރަމޯފުގެ ސުޕަޔޮޓުކަމަށްވާ ޓައިޓަން ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުވަނީ ރާއްޖެއަށް އައިސްފައެވެ. އެ ތިން އުޅަނދުވެސް އެންމެ ފަހުން ފެނިފައިވަނީ މެދއިރުމަތީގެ އެކި ބަނދަރުތަކުންނެވެ.
ރަޝިޔާގެ ކުންފުނިތަކާއި ވަކިވަކި ފަރުދުންނާ ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ ފަރާތްތަކުގެ ގެދޮރާއި ޔޮޓުތަކާއި ނުޙައްޤުން ހޯދާފައިވާ މުދާ އަތުލާނެކަމުގެ އިންޒާރު ހުޅަނގުގެ ބޮޑެތި ބާރުތަކުންވަނީ ދީފައެވެ. ނަމަވެސް ބޭރު މީހުންގެ މުދާ ހިފަހައްޓައި ތިންވަނަ ފަރާތަކާ ޙަވާލުކުރުމަށް ހުޅަނގުގެ އެއްވެސް ޤައުމަކާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ.