ކުޅިވަރު

ބަލޮންޑޯ އެވޯޑް މިރޭ


ފިފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުުޅުންތެރިޔާ ހޮވުމަށް ބާއްވާ ޝަރަފުވެރި ހަފްލާ މިރޭ ސްވިޓްޒަލެންޑުގެ ޒިއުރިކްގައި އޮންނާނެއެވެ. މިއެވޯރޑަށް މިފަހަރު ނޮމިނޭޓްވެފައިވަނީ ބާސެލޯނާއަށް ކުޅޭ އަޖެންޓީނާގެ ތަރި ލިއޮނެލް މެސީ، ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާއަށް ކުޅޭ ބްރެޒިލްގެ ތަރީ ނޭމާއެވެ. މުޅިއެކު ނުވަ ފަހަރު މި އެވޯޑަށް ނޮމިނޭޓް ވެފައިވާ އާޖެންޓިނާގެ މެސީ ވަނީ 2009 ން 2012 އަށް ޖެހިޖެހިގެން ހަތަރު ފަހަރު މި އެވޯޑް އުފުލާލާފައެވެ. ރޮނާލްޑޮ ވަނީ ޖުމްލަ ތިން ފަހަރު މި އެވޯޑް ކާމިޔާބުކޮށްފައެވެ. އެއީ 2008 ގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު އިރުއާއި، އެންމެ ފަހު ދެފަހަރުއެވެ.މިފަހަރު މި އެވޯޑް ހާސިލުކުރާނެކަމަށް ގިނަ ގަބޫލްކުރަނީ މެސީއެވެ. އޭނާ ވަނީ މިދިޔަ އަހަރު ދެމަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމާއެކުވެސް ބާސެލޯނާޔަށް ޗެމްޕިއަންސް ލީގާއި، ލަ ލީގާއާއި، އަދި ކޮޕަ ޑެލް ރޭ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.ރޮނާލްޑޯވެސް ވަނީ ޕޯޗުގަލްއާއި ރެއާލް މެޑްރިޑަށް 2015 ގައި ގިނަ ގޯލްތަކެއް ކާމިޔާބުކޮށްފައެވެ. އެކަމަކު ނިމިދިޔަ އަހަރަކީ ރެއާލް މެޑްރިޑަށް އެހާ ކާމިޔާބު އަހަރަކަށް ނުވިއެވެ. މިހާރު ފޯމަށް ބަލާއިރު ބްރެޒިލްގެ ނޭމާޔަކީވެސް ރޮނާލްޑޯ އަދި މެސީޔަށް ދޫކުރާ ވަރު ކުޅުންތެރިޔެއް ނޫނެވެ. ބެލޮންޑިއޯ އެވޯޑަށް ހޮވެނީ ޤައުމީ ޓީމްތަކުގެ ކޯޗުންނާއި، ކެޕްޓަނުން އަދި ހޮވާލެވޭ ނޫސްވެރިންގެ ވޯޓަކުންނެވެ.މޮޅު ކޯޗުގެ މަގާމަށް މިފަހަރު ވާދަކުރާ ފަރާތްތަކަކީ ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ، ބެޔާން މިއުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ އަދި ޗިލީގެ ކޯޗް ޖޯޖް ސަމްޕައޮލީއެވެ.ހަފްލާ ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.