ޚަބަރު

ޔޫކްރެއިނުގެ މިލިޔަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރިކަމާ ދިމާލަށް


ރަޝިޔާއިން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން ޔޫކްރެއިނުގެ މިލިޔަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އދން ބުނެފިއެވެ.

އދގެ ރެފިޔުޖީންނާބެހޭ އިދާރާއިން ބުނެފައިވަނީ ފާއިތުވި ހަ ދުވަހުގެ ތެރޭގައި ޔޫކްރެއިނުން 660،000އަށްވުރެ ގިނަ މީހުން އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައިވާކަމަށާއި ސަރަޙައްދީ ރޮނގާ ދިމާލަށް އިތުރު މީހުން ދަތުރުކުރަމުންދާކަމަށެވެ. އަދި ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ގެދޮރު ދޫކޮށް ރައްކާތެރިކަމަށް ބޭނުންވެފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށްވުރެ އިތުރުވާނެކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެ ގޮތުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ޙިމާޔަތާއި ރައްކާތެރިކަން ދެމުންދަނީ އަވަށްޓެރި ޕޯލޭންޑުންނާއި ހަންގޭރީންނާއި ސުލޮވޭކިޔާއިންނާއި ރޮމޭނިޔާއިންނާއި މޮލްޑޯވާއިންކަމަށް އެ އިދާރާއިން ބުނެއެވެ. އދން ލަދާކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔޫކްރެއިނުގެ ހަތް މިލިޔަން މީހުންގެ ގެދޮރު ގެއްލި 12 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި އެ ޤައުމަށް ކުއްލި އެހީތެރިކަމުގެ ގޮތުގައި 1.2 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެއެވެ.

44 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ ޢަދަދެއް އަދި އެއްވެސް މަޢުލޫމާތެއް އދގެ ރެފިޔުޖީންނާބެހޭ އިދާރާއިން ޢާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް ރަޝިޔާއިން ބުނެފައިވާ ގޮތުގައި ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ދޮންބާސަށް ޔޫކްރެއިނުގެ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުން ސަލާމަތްވުމަށް 100،000އަށްވުރެ ގިނަ ޢާއްމުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް އެތެރެވެފައެވެ. އަދި ޔޫކްރެއިނުގެ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގައި ދޮންބާސަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ފޮޓޯއާއި ވީޑިޔޯވަނީ މީސްމީޑިޔާގައި ޢާއްމުވެފައެވެ.

ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީން ބުނެފައިވަނީ ޔޫކްރެއިނުގައި ހިންގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ތަޙްޤީޤުކުރާނެކަމަށެވެ. ޔޫކްރެއިނަކީ އައިސީސީގެ މެންބަރު ޤައުމެއް ނޫނެވެ. ނަމަވެސް ޔޫކްރެއިނުންވަނީ ރަޝިޔާއިން ބޮޑެތި ޖަރީމާތައް ހިންގަމުންދާކަމަށް ބުނެ އައިސީސީއަށް މައްސަލައެއް ހުށަހަޅައިފައެވެ.