ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤްބަލްގެ އުޖާލާކަން މިއަދުގެ މެޗުން ފެނިގެންގޮސްފައިވާކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ. ބަންގްބަންދު ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކެމްބޯޑިއާ އަތުން 3 ލަނޑު 2 ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކުން ކޯޗް ރިކީ ހާބަޓް ބުނީ މިމުބާރާތުގައި ވާދަކުރާ ގައުމީ ޓީމްގެ އެވްރެޖް އުމުރަކީ ތޭވީސް އަހަރުކަމަށެވެ. މެޗުން މޮޅުވުމަށް މިއަދު ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރަށް ކޯޗްވަނީ ތަޢުރީފްކޮށްފައެވެ. ހާއްސަކޮށް މެޗްގެ ފަހު ވަގުތުގައިވެސް ކުޅުންތެރިން ހިއްވަރު ދޫކޮށްނުލާ، ކުރި މަސައްކަތުން ތިން ޕޮއިންޓް ލިބުމުން މުބާރާތުގައި ކުރިއަށްދިއުމަށް އިތުރު ހިއްވަރެއް ލިބިގެންދިޔަކަމަށް ކޯޗް ބުންޏެވެ. ކޯޗް ރިކީ ހާބަޓް ބުނީ ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރާކަމަށާ ޚާއްސަކޮށް މިއަދު ރާއްޖޭގެ ޓީމްގެ ފަހަތާ ކުރި ބެލެހެއްޓި ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ރަނގަޅަށް ފެނިގެންގޮސްފައިވާކަމަށެވެ. ކެމްބޯޑިއާ ފަދަ ވަރުގަދަ ޓީމެއް އަތުން މިއަދު މޮޅުވުމުން ކުރިއަށް ހުރި މެޗުތަކައް ކުޅުންތެރިންނަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ކޯޗް ރިކީ ހާބްޓް ބުންޏެވެ. ޤައުމީ ޓީމްގައި އަލަށް ކެޕްޓަން ބޭންޑް އަޅައިގެން މިއަދު ކުޅުނު އައްސަދު އަލީ ބުނީ މުބާރާތުގެ އިންތިޒާމްގެ ކަންތައްތަކާ މެދު ހިތްހަމަނުޖެހޭކަމަށާއި، ޚާއްސަކޮށް މިއަދު މެޗް ކުޅުނު ދަނޑަކީ ފުޓްބޯޅަ ކުޅުމަށް އެންމެ އެކަށީގެންވާ ދަނޑެއް ނޫންކަމަށެވެ. މުބާރާތުގައި ކުރިއަށްދިއުމަށް މިފަދަ ހުރަސްތަކެއް ހުރި ނަމަވެސް ކުޅުންތެރިންގެ ފަރާތުން މިއަދުގެ މެޗްގައި އެކަން ފެނިގެންގޮސްފައިނުވާކަމަށްވެސް އައްސަދު ފާހަގަކުރިއެވެ. އަދި ކެމްބޯޑިއާގެ މައްޗަށް ކުރި ހޯދުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށްވެސް ކެޕްޓަން އައްސަދު އަލީ ބުންޏެވެ. މިއަދުގެ މެޗްގައި ޤައުމީ ޓީމްގެ ފަހަތް ބެލެހެއްޓި އިބްރާހީމް ހަސީބްއާއި މުހައްމަދު ސާއިފްއަށް މިމެޗް ވެގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ޤައުމީ ޓީމްއަށް މިދެ ކުޅުންތެރިން ކުޅެދިން ފުރަތަމަ މެޗަށެވެ. މިމުބާރާތުގައި ރާއްޖެ ދެން ނިކުންނާނީ ބަނގްލަދޭޝްގެ އޮލިމްޕިކް ޓީމާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ.