ކުޅިވަރު

ފުރަތަމަ ދެމެޗު ކާމިޔާބުކުރީ ފޯކައިދޫއާއި ލ.ގަން


މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ކުޅުދުއްފުއްޓާއި، އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ. އަށް ޒޯނުގެ ޗެމްޕިއަނުން ވާދަކުރާ ފަހު ބުރުގައި ކުޅުދުއްފުށީގައި ކުޅުނު މެޗު ކާމިޔާބުކުރީ ޒޯން ދޭއްގެ ޗެމްޕިއަން ފޯކައިދޫ ފުޓްބޯޅަ ކްލަބެވެ. އެއީ ޒޯން އެކެއްގެ ޗެމްޕިއަން ނޮޅިވަރަމް ޓީމާއި ވާދަކޮށް ހަތަރެއް ދޭކުންނެވެ. މިގްރޫޕްގައި ދެން ހިމެނެނީ ޒޯން ތިނެއްގެ ޗެމްޕިއަން އޭދަފުއްޓާއި، ޒޯން ހަތަރެއްގެ ޗެމްޕިއަން މާމިގިއްޔެވެ. އައްޑޫ ސިޓީގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ޒޯން ހައެއްގެ ޗެމްޕިއަން ލ.ގަމެވެ. އެއީ ޒޯން ފަހެއްގެ ޗެމްޕިއަން ވ.ކެޔޮދޫ ޓީމާއި ވާދަކޮށް ދޭއް ސުމަކުންނެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޒޯން ހަތެއްގެ ޗެމްޕިއަން ފަރެސްމާތޮޑާއާއި، ޒޯން އަށެއްގެ ޗެމްޕިއަން ސ.ފޭދޫ ޓީމެވެ.ސެމީފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެޓީމެވެ. ސެމީފައިނަލް ދެމެޗާއި ތިންވަނަ ހޮވާ މެޗު އަދި ފައިނަލް މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ.