ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރެއްވީ މިދިޔަ މަހުގެ25 ވަނަ ދުވަހުއެވެ. އަދި އެ އޮޕަރޭޝަނަށްފަހު ހާލުކޮޅު ރަނގަޅުކަމަށާއި، މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ހެޔޮ ދުޢާކުރައްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
Alhamdhulillaahi. Was discharged from the hospital this morning. I am doing well and will be returning home to the Maldives in a few days. Once again, thank you everyone for your well wishes.
— Ibrahim Mohamed Solih (@ibusolih) March 1, 2022
ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް އެމަނިކުފާނުގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރެއްވިއެވެ. ނަމަވެސް 3 ގަޑިއިރާއި30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތްކަން ހާމަކުރެއްވުމާއެކު އެތައްބަޔަކުވަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކޮށް ހެޔޮ އެދުން ފާޅުކޮށްފައެވެ. އޭގެތެރޭގައި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރި ބޭބޭފުޅުންނާއި ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ޢާއްމު ރައްޔިތުންގެ އެތައްބަޔަކު ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.