ވިޔަފާރި

ކުއޯނީ ޔޫކޭއާއެކު އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ


އިނގިރޭސިވިލާތުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ކުއޯނީ ޔޫކޭ އާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 މަސް ދުވަހުގެ މުއްދަތަށެވެ.

އެމްއެމްޕީއާރުސީ އަދި ކުއޯނީ ޔޫކޭއިން ހިންގާ މި ކެމްޕެއިންގެ މަޤްސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދޭ މާކެޓެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކި ވަކިން ކަމުން، މިއީ ގައިދުރުކަން ދެމެހެއްޓުމަށް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ.

މި ކެމްޕެއިންގެ ބޭނުމަކީ އިނގިރޭސިވިލާތުން ރާއްޖެ އައުމަށް ބުކިން ހަދާ މިންވަރު އިތުރުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ މައުލޫމާތު ކުއޯނީ ޔޫކޭގެ ޑާޓާބޭސްގައިވާ ކަސްޓަމަރުންނާ އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރާނެއެވެ. މި ކެމްޕެއިންގެ ސަބަބުން ޔޫކޭއިން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރު، އަދި މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެމްއެމްޕީއާރުސީން ވަނީ އަންދާޒާކޮށްފައެވެ.

1966 ގައި ޤާއިމްކޮށްފައިވާ ކުއޯނީ ޔޫކޭ އަކީ ދުނިޔޭގެ އެކި މަންޒިލްތަކުން ފަތުރުވެރިންނަށް ލިބޭ އެކި ޚިދުމަތްތަކުގެ މައުލޫމާތާއި، ޕެކޭޖްތައް އިނގިރޭސިވިލާތުގެ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އަންނަ މަޝްހޫރު ޓުއަރ އޮޕަރޭޓަރެކެވެ. ކުއޯނީ ޔޫކޭގެ 48 ރީޓެއިލް ސްޓޯ އިނގިރޭސިވިލާތުގައި އޮޕަރޭޓުކުރަމުންދެއެވެ.

ކުއޯނީ ޔޫކޭ އަކީ ދުނިޔޭގެ 9 ސަރަޙައްދެއްގައި ފަތުރުވެރިކަމާ ބެހޭ އެކި މައުލޫމާތާއި ޕެކޭޖުތައް ވިއްކުމުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށްވާ ކުއޯނީ ޓްރެވަލްގެ ދަށުން ހިންގާ ޓުއަރ އޮޕަރޭޓަރެކެވެ. މިގޮތުން ފްލައިޓްތަކުގެ މައުލޫމާތާއި، އެކި މަންޒިލްތަކުން ލިބޭ ޚިދުމަތްތަކާއި، ޕެކޭޖުތަކުގެ އިތުރުން، ހޮޓެލްތަކާއި، ކްރޫޒްލައިނަރތަކުގެ ޕެކޭޖުތައް ކުއޯނީ ޓްރެވަލްގެ ދަށުން ހިންގާ ޓުއަރ އޮޕަރޭޓަރުން ވިއްކައެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. މިގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 28،569 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މާކެޓް ޝެއަރއަށް ބަލާނަމަ 11.4 އިންސައްތައެވެ.