ކުޅިވަރު

ނާއިޒުގެ ދެ ލަނޑާއެކު ރާއްޖެ މޮޅަކުން ގޯލްޑްކަޕް ފަށައިފި


ޒުވާން ފޯވާޑް ނާއިޒު ހަސަންގެ ދެ ލަނޑާއެކު 3-2 ން ކެމްބޯޑިޔާ ބަލިކޮށް، ބަންގްބަންދު ގޯލްޑްކަޕް ރާއްޖެ މޮޅަކުން ފަށައިފިއެވެ. މިއަދު ބަނގްލަދޭޝްގައި ކުޅުނު ރާއްޖޭގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ އިސްމާއީލް އީސާއެވެ. ފަހު ދެ ލަނޑު ޖެހީ ޒުވާން ފޯވާޑް ނާއިޒްއެވެ. މިއީ ނާއިޒް ޤައުމީ ޓީމަށް ޖަހައިދިން ތިންވަނަ ލަނޑެވެ. ދެފަހަރު މަތިން ކެމްބޯޑިޔާއިން ނަތީޖާ ހަމަހަމަކުރި މެޗުގައި އެޓީމްގެ ދެ ލަނޑު ޖެހީ ސޮންއާއި، ޑިމާ ޓިޓްއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފްގައި ކެމްބޯޑިޔާއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. ބަދަލެއް ނުގެނެސް މެޗު ފުރިހަމަކުރި ރާއްޖޭގެ ޓީމްގެ ގޯލް ބެލެހެއްޓީ މިދިޔަ ސީޒަންގައި އަނިޔާގެ ސަބަބުން ނުކުޅެ ހުރި މުޙައްމަދު ފައިސަލްއެވެ. ޓީމްގެ ކެޕްޓަނަކީ މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓްގެ ކެޕްޓަންކަންކޮށް ކުރިއަށް އޮތް ސީޒަނަށް މާޒިޔާއަށް ބަދަލުވެފައިވާ އަސްއަދު އަލީއެވެ.މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ބަނގްލަދޭޝްގެ އޮލިމްޕިކް ޓީމާ ދެކޮޅަށެވެ. އެމެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގައެވެ. މުބާރާތުގެ މެޗުތައް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.