މުނިފޫހިފިލުވުން

ވިދްޔާގެ "ޖަލްސާ" ގެ ފުރަތަމަ ލުކް


ބޮލީވުޑް ޕަވާ ހައުސް ތަރިންގެ ގޮތުގައި މަޝްހޫރު ވިދްޔާ ބާލަން އާއި ޝެފާލީ ޝާހުގެ ފިލްމު "ޖަލްސާ" ގެ ފަސްޓް ލުކް ދައްކާލާއިފިއެވެ.

މިމަހުގެ 18 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ދައްކަން ތާވަލުކޮށްފައިވާ "ވިމެން ސެންޓަރިކް" ގެ މި ފިލްމުގައި ވިދްޔާ އަކީ ނޫސްވެރިއެކެވެ. އަދި ޝެފާލީ ކުޅެނީ ކައްކާ މީހެއް ރޯލެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ވިދްޔާއަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ފިލްމު "ތުމާރީ ސުލޫ" ގެ ޑައިރެކްޓަރ ސްރޭޝް ތްރިވެނީއެވެ.

ޝޯޝަލް ޑްރާމާ ތްރިލާ އެއްގެ ގޮތަށް ގެނެސްދޭ މި ފިލްމުގައި ދައްކާނީ އެކި ފަންތީގެ މީހުންގެ މެދުގައި އިންޑިއާގައި އޮންނަ ޒަމާންވީ ތަފާތުކުރުންތަކެވެ. ޕްރްޖްވާލް ޗަންދްރަޝޭކަރު އަދި ސްރޭޝް ތްރިވިނީ ލިޔެފައިވާ ސްކްރިޕްޓުގެ ޑައިލޮގްތައް ލިޔެފައިވަނީ ހުސައިން އަދި އައްބާސް ދަލާލެވެ.
ޓީ ސީރީޒް އަދި އަބުންދަތާނިއާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގައި ވިދްޔާ އާއި ޝެފާލީގެ އިތުރުން ރޯހިނީ ހަތަންގަޑީ، އިޤްބާލުޚާން، ވިދްތަރީ ބަންދީ، ގުރުޕާލް ސިންގް ،ސޫރިޔާ އަދި މަނަވް ކޯލްވެސް ފެންނާނެއެވެ.

ޝެފާލީ އަކީ ހިންދީ ސިނަމާގެ ގިނަ ފިލްމުތަކެއްގައި ސަޕޯޓިން ރޯލުތައް ކުޅޭ ހުނަރުވެރި ބަޠަލާއެކެވެ. ޝެފާލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޔޫޝް މާން ކުރާނާއާއެކު ފެންނަ "ޑޮކްޓަރ ޖީ" އަދި ޢާލިއާ ބަޓާއި އެކު ފެންނަ "ޑާލިންސް" ހިމެނެއެވެ.

ވިދްޔާ އެންމެ ފަހުން ފެނިފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯއިން މިދިޔަ އަހަރު ޖޫން މަހު ރިލީޒްކުރި ފިލްމު "ޝޭރިނީ" އިންނެވެ.