ރަޝިޔާގެ ނިޔުކްލިޔަރ ފައުޖުތައް ތައްޔާރީ ޙާލަތަކަށް ގެނެސްފިއެވެ.
ރަޝިޔާގެ ނިޔުކްލިޔަރ ފައުޖުތައް ތައްޔާރީ ޙާލަތަކަށް ގެންނެވުމަށް އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިން ޢަމުރުކުރެއްވީ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫއާއި ސިފައިންގެ އެންމެ އިސްވެރިޔާ ވަލެރީ ގެރަސިމޯފާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށްފަހުއެވެ. ޕުޓިން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ހުޅަނގުގެ ބާރުތަކުން ޢަމަލުކުރަމުންދަނީ ވަރަށް ޢަދާވާތްތެރި ގޮތަކަށްކަމަށާއި ކޮންމެފަދަ ޙާލަތަކަށްވެސް ރަޝިޔާގެ ފައުޖުތައް ތައްޔާރުވާން ޖެހޭކަމަށެވެ. އެ ބައްދަލުވުމުގައި ޕުޓިންވަނީ ޔޫކްރެއިނުގައި ހަނގުރާމަކުރަމުންދާ ރަޝިޔާގެ ފައުޖުތަކުން ދައްކަމުންދާ ހިތްވަރަށާއި ސާބިތުކަމަށް ޝުކުރު ޢަދާކުރައްވައިފައެވެ.
ވިލާތުގެ އިރުމަތީގެ ސަރަޙައްދުތަކަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ހަތިޔާރު ފޮނުވަމުންދާ ދަނޑިވަޅެއްގައި ޕުޓިން ކުރެއްވި ޢަމުރުފުޅާއެކު ރަޝިޔާގެ ނިޔުކްލިޔަރ ސަބްމެރީންތަކާއި ނިޔުކްލިޔަރ މިސައިލުތައްވަނީ ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ. ނެޓޯއިން ބުނެފައިވަނީ ރަޝިޔާގެ ނިޔުކްލިޔަރ ފައުޖުތައް ތައްޔާރީ ޙާލަތަކަށް ގެނައުމަކީ އެ އިއްތިޙާދުން ކަންބޮޑުވާކަމެއްކަމަށާއި ނިޔުކްލިޔަރ ހަނގުރާމައެއް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ. އަދި ވިލާތުގެ އިރުމަތީގެ ސަރަޙައްދުތަކަށް ނޭޓޯގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ހަތިޔާރު ފޮނުވަނީ ޕުޓިން ދެން އަޅުއްވަފާނެ ފިޔަވަޅެއް ބުނަންވެސް ނޭނގޭތީކަމަށެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ޙަމަލާ ދޭން ފެށުމުން ހުޅަނގުންވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ރަޝިޔާގެ މަތިންދާބޯޓުތަކަށް ވިލާތުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކުރުމާއި ރަޝިޔާގެ އިސްވެރިންނާއި ކުންފުނިތަކާއި ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ދުނިޔޭގެ އޮންލައިން ފައިސާގެ މުޢާމަލާތް ކުރުމުގެ ނިޒާމުން ރަޝިޔާ ބާކީކުރުމާއި ރަޝިޔާއިން ވިލާތަށް ގޭސް ފޯރުކޮށްދޭ މައި ހޮޅިއަށް ދީފައިވާ ޙުއްދަ ހިފެހެއްޓުން ހިމެނެއެވެ. ނަމަވެސް ހުޅަނގުގެ ގިނަ ޤައުމުތަކުން އަދިވެސް ބަރޯސާވަމުންދަނީ ރަޝިޔާގެ ތެލާއި ގޭހަށެވެ.