ޚަބަރު

ދަަޢުވާކުރުމާއި މެދު ގޮތެއް ނިންމާނީ ތަޙުޤީގު ނިމުމުން - ޕީޖީ


މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން - އެމްއެމްޕީއާރްސީ މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާކުރުމާއި މެދު ގޮތެއް ނިންމާނީ އެ މައްސަލައިގައި އެސީސީން ކުރިޔަށް ގެންދާ ތަހްޤީގު ނިމުމުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.އެމްއެމްޕީއާރްސީއާއި ގުޅޭ ކޮރަޕްޝަން މައްސަލަތަކެއްގައި އަހްމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށައަޅުއްވާފައިވާކަމަށް ޕީޖީ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ހާމަކުރައްވާފައިވެއެވެ. އެހެންމަވެސް އެ މައްސަލަތަކުގެ ތަފާތު ތަޙުޤީގެއް އޭސީސީއާއި އޮޑިޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާކަން ޕީޖީގެ ނޫސް ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. ފުލުހުން ހުށައަޅުއްވާފައިވާ މައްސަލަތަކުގައި މިހާތަނަށް ދަޢުވާކުރުމާއިމެދު ގޮތެއް ނިންމަވާފައި ނުވަނީ ޤާނޫނީ ގޮތުން ދިމާވެދާނެ ހުރަސްތަކުން ސަލާމަތްވުމުގެ ގޮތުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި އޭސީސީން ހިންގަވަމުން ގެންދަވާ ތަޙުޤީގު ނިމުމުން ހުރިހާ މައްސަލަތަކެއް ދިރާސާކުރެއްވުމަށް ފަހު އަހްމަދު އަދީބާއި ދެން ތިބި ފަރާތްތަކާއިމެދު ދަޢުވާކުރުމާއިމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ. އެމްއެމްޕީއާރްސީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް 50 އަށް ވުރެ ގިނަ ރަށް، އަހްމަދު އަދީބް ދޫކޮށްފައިވާކަމަށް ބުނާ މައްސަލަތަކެއް ތަޙުޤީގު ކުރުމަށްފަހު ފުލުހުން ޕީޖީގެ އޮފީހަށް ފޮނުއްވާފައިވެއެވެ. މީގެތެރެއިން މާލެ އަތޮޅު ފަޅެއް ޤަވައިދާ ޚިލާފަށް ބަޔަކަށް ދޫކުރި މައްސަލައިގައި އަދީބްގެ މައްޗަށް ރަސްމީ ހައްސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރި ކަމުގެ ކުށުގެ ދަޢުވާ އުފުލައި އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ފަށާފައިވެއެވެ.