ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަރްކީވަށް ރަޝިޔާގެ ސިފައިން ވަދެއްޖެއެވެ.
ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ކަރްކީވުގެ ދިފާޢީ ސަފުތައް ފޫއަޅުވާލުމަށްފަހު ރަޝިޔާގެ ސިފައިން ވަދެފައިވަނީ މަޝްވަރާގެ މޭޒަށް އައުމަށް ޔޫކްރެއިނުން ދެކޮޅުހެދުމުން އެ ޤައުމަށް ރަޝިޔާގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފައިވަނިކޮށެވެ. އެއާއެކު 1.4 މިލިޔަން މީހުން ދިރިއުޅޭ ކަރްކީވުގެ މަގުތައްމަތީގައި ބަޑީގެ ޙަމަލާތައްބަދަލުކުރުންވަނީ ފެށިފައެވެ. ރަޝިޔާގެ ފައުޖުތަކުން އެ ރަށަށް ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ އަސްކަރިއްޔާއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ކަނޑުމަގުންނާއި ވައިގެމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ދޭން ފެށި ޙަމަލާތަކުގައި ރަޝިޔާގެ އަސްކަރިއްޔާއިންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯފައިފައެވެ. ހަނގުރާމައިގެ ފުރަތަމަ ދެތިން ގަޑިއިރުގެ ތެރޭގައި ހުޅަނގުން އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ އަގުހުރި ހަތިޔާރު ފޯރުކޮށްދެމުންދާ ޔޫކްރެއިނުގެ ވައިގެ ސިފައިންގެ ފައުޖުތައްވަނީ ނައްތާލައިފައެވެ. އޭގެ ސަބަބުން ރަޝީޔާގެ ފައުޖުތަކާ ކުރިމަތިލުމަށް ޔޫކްރެއިނަށްވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެއާއެކު ހަނގުރާމައިގެ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ރަޝީޔާއިން ދިން ވަރުގަދަ މިސައިލު އަދި ރޮކެޓު ޙަމަލާތަކުގައި ޔޫކްރެއިނުގެ 800އަށްވުރެ ގިނަ އަސްކަރީ މަޤާމު ނައްތާލާފައިވެއެވެ. އޭގެ ތެރޭގައި 11 އަސްކަރީ ވައިގެ ބަނދަރެއް ހިމެނެއެވެ. އަދި ޗާނޮބީލުގެ ނިޔުކްލިޔަރ ރިއެކްޓަރުގެ އިތުރުން ޔޫކްރެއިނުގެ ދެކުނުއިރުމަތީގެ މުޙިއްމު ރަށްތައް އޮތީ ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސް ޔޫކްރެއިނުގެ ހުރިހާ ބޮޑެތި ސަރަޙައްދަކަށް ރަޝިޔާގެ އަސްކަރީ ބާރުވެރިކަންވަނީ ފެތުރިފައެވެ.
44 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދަނީ ވެރިރަށް ކިޔޭވުގައެވެ. އެ ގޮތުން ކިޔޭވަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި ރަޝިޔާގެ ފައުޖުތަކުންވަނީ އެ ރަށުގެ މައި ސަރަޙައްދަށް ވަދެގަނެ މަގުތައްމަތީގައި ބަޑީގެ ޙަމަލާތައްބަދަލުކުރަން ފަށައިފައެވެ. ކިޔޭވު ދިފާޢުކުރުމަށް ޔޫކްރެއިނުގެ ސިފައިންވަނީ ޢާއްމުންގެ 10،000 މީހުންނަށް ހަތިޔާރު ދިނުމަށްފަހު ހަނގުރާމަކުރުމަށް އަންގައިފައެވެ. އަދި ޔޫކްރެއިނުގެ އަސްކަރިއްޔާއިންވަނީ ވައިގެ ޙަމަލާތަކުން ދިފާޢުވާ ނިޒާމުތައް ކިޔޭވުގައި ޢާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބަހައްޓައި ރަޝިޔާގެ މިސައިލުތަކާ ކުރިމަތިލާން ފަށައިފައެވެ. އޭގެ ސަބަބުން ގިނަ ޢަދަދެއްގެ މިސައިލުތައްވަނީ ޢާއްމުން ދިރިއުޅޭ އިމާރާތްތަކަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި ޔޫކްރެއިނު ދޫކޮށް ވިލާތުގެ ޤައުމުތައްކަމަށްވާ ޕޯލެންޑާއި ހަނގޭރީފަދަ ޤައުމުތަކަށް 100،000އަށްވުރެ ގިނަ ޢާއްމުންވަނީ ހިޖުރަކޮށްފައެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސަށް އެ ޤައުމުގެ ސިފައިން ދެމުންދާ ޙަމަލާތަކުން ސަލާމަތް 100،000އަށްވުރެ ގިނަ ޢާއްމުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް އެތެރެވެފައެވެ.
އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ ދިފާޢުގައި އެ ޤައުމުގައި އަސްކަރީ ޙަރަކާތްތަކެއް ހިންގުމުގެ ޢަމުރުދެއްވާފައިވާކަން އިޢުލާންކުރައްވަމުން ރަޝީޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވީ ޔޫކްރެއިނު އިސްތިޢުމާރުކުރުމުގެ އެއްވެސް ވިސްނުމެއް ރަޝިޔާއިން ނުގެންގުޅޭކަމަށެވެ. އަދި ރަޝިޔާގެ އަސްކަރީ ޙަރަކާތްތަކުގެ ބޭނުމަކީ ދޮންބާސްގައި ފާއިތުވި 8 އަހަރުދުވަހު ޔޫކްރެއިނުގެ ފައުޖުތައް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ޤަތުލުޢާއްމު ހުއްޓުވުންކަމަށް ޕުޓިން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އަސްކަރީ ޙަރަކާތުގެ ދަށުން ޔޫކްރެއިނުގެ އަސްކަރީ ބާރުވެރިކަން ނައްތާލައި އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިވުމުގެ ޢަމަލުތައް އިތުރަށް ނުހިންގޭނެކަން ކަށަވަރުކުރާނެއެވެ. ޔޫކްރެއިނަށް ޙަމަލާ ދިނުން ނޫން ގޮތެއް ރަޝިޔާއަށް ނެތްކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ދުވަހަކުވެސް ނުދޭނެކަމުގެ ޔަޤީންކަން ދިނުމަށް އެ އިއްތިޙާދުން ދެކޮޅުހެދިކަމަށެވެ. އަދި ރަޝިޔާއާ އިންވެގެން އޮންނަ ޔޫކްރެއިނަށް ނިޔުކްލިޔަރ ހަތިޔާރުގެ ޤާބިލްކަމާއި ބާރުވެރިކަން ހޯދުމުގެ ފުރުޞަތު ނުދެއްވާނެކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.
2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިނުގައި ކުރި މުޒާހަރާތަކުގައި އެ ޤައުމުގައި އޮތް ރަޝިޔާއާ ރަހްމަތްތެރި ވެރިކަން ބަދަލުކުރުން ރަޝިޔާއިންވަނީ ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ކުރީމިޔާއަށް ޙަމަލާ ދިނުމަށް އެ ސަރަޙައްދު އަތުލައިފައެވެ.