ވިޔަފާރި

ފަތުރުވެރިންގެ ނަންބަރު 250000އިން މައްޗަށް


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 250000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ފަތުރުވެރިކަމުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އަދި މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށްވުމާއި ގުޅިގެން މިކަން ފާހަގަކުރުމުގެ ގޮތުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 251339 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %46.9 އިތުރުއަދަދެކެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 171،091 ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިން މިހާރު ރާއްޖޭގައި އެވްރެޖްކޮށް 8.8 ދުވަސް ހޭދަކުރެއެވެ. މިއީ ކޯވިޑްގެ ކުރިން އަދި ކޯވިޑްގެ ތެރޭގައިވެސް ހޭދަކުރާ ދުވަހަށްވުރެ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު 8.7 ދުވަސް އެވްރެޖްކޮށް ފަތުރުވެރިން ހޭދަކުރާއިރު 2020 ވަނަ އަހަރު އެވްރެޖްކޮށް ހޭދަކޮށްފައިވަނީ 7.2 ދުވަހެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 39،660 ފަތުރުވެރިންނެވެ. 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 28،569 ފަތުރުވެރިންނެވެ. 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ 22،138 ފަތުރުވެރިންނެވެ.