ޚަބަރު

ޗެޗުނިޔާގެ މުސްލިމު ފައުޖުތައްވެސް ޔޫކްރެއިނަށް


ޗެޗުނިޔާގެ އެންމެ ވަރުގަދަ ފައުޖުތައް ޔޫކްރެއިނުގައި ޙަރަކާތްތެރިވަމުންދާކަމަށާއި ހަނގުރާމާގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޗެޗުނިޔާގެ އެންމެ އިސްވެރިޔާ ރަމަޒާން ކަދީރޯފް ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ކަދީރޯފް ވިދާޅުވީ ރަޝިޔާގެ ފައުޖުތަކާއެކު ޗެޗުނިޔާގެ ފައުޖުތައްވެސް ޔޫކްރެއިނުގައ ޙަރަކާތްތެރިވަމުންދާކަމަށާއި ޗެޗުނިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ޔޫކްރެއިނުގެ ބައެއް އަސްކަރީ މަރުކަޒުތައް ގެނެސްފައިވާކަމަށެވެ. އަދި ޔޫކްރެއިނުގެ އަސްކަރިއްޔާއިން އެ ޤައުމުގެ ވެރިކަން ބަދަލުކުރަން ޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ގާތްގުޅުމެއް އޮންނަ ކަދީރޯފް ވިދާޅުވި ގޮތުގައި ޔޫކްރެއިނަށް ޙަމަލާ ދިނުމަކީ ކިތަންމެ ހިތްދަތިކަމަކަށްވި ނަމަވެސް ކުރަން މަޖުބޫރުވި ކަމެކެވެ. ނަމަވެސް ޔޫކްރެއިނުގައި ޙަރަކާތްތެރިވާ ޗެޗުނިޔާގެ ފައުޖުތަކުގެ ޢަދަދެއް އޭނާ ވިދާޅެއް ނުވެއެވެ. ބެލެވޭ ގޮތުގައި ޗެޗުނިޔާގެ ފައުޖުތަކުގެ ޢަދަދު 12،000އަށް އަރާނެއެވެ.

ޗެޗުނިޔާގެ ފައުޖުތަކުންވަނީ އެ ސަރަޙައްދުގެ ވެރިރަށް ގުރޮޒުނީގައި ބަރުހަތިޔާރާއެކު އެތައް ހާސް ސިފައިންނެއް އެއްވެފައިވާ މަންޒަރާއި ޔޫކްރެއިނަށް ހަނގުރާމައަށް ދިޔުމުގެ ކުރިން ދުޢާކުރައި މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ޢާއްމުކޮށްފައެވެ. މީގެ ކުރިންވެސް ޗެޗުނިޔާގެ ފައުޖުތައްވަނީ ރަޝިޔާގެ ފައުޖުތަކާއެކު ޖޯޖިޔާއާއި ސޫރިޔާގައި ޙަރަކާތްތެރިވެފައެވެ. ޗެޗުނިޔާގެ މުސްލިމުންނަކީ ރަޝިޔާގެ ދެކުނުގެ ސަރަޙައްދުތައް ދިފާޢުކުރުމުގައި މުޙިއްމު ދަޢުރެއް އަދާކުރާ ބައެކެވެ.

1990ގެ އަހަރުތަކުގައި ޗެޗުނިޔާގެ މުސްލިމުންވަނީ މިނިވަންކަން ހޯދުމަށް ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. ނަމަވެސް ފަހުން ރަޝިޔާއާ ޞުލްހަވެ ޗެޗުނިޔާގައި ސަރަޙައްދީ ސަރުކާރެއް ޤާއިމުކުރިއެވެ. އަދި ރަޝިޔާއިންވަނީ ޗެޗުނިޔާ އާރާސްތުކުރުމަށް ބޮޑު ޚަރަދެއްކޮށްފައެވެ.