ވިޔަފާރި

ހޯމް ސްޓޭގެ ފީތައް ކުޑަކުރުމަށް ޤާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް އެބަކުރަން: މިނިސްޓަރ


ހޯމްސްޓޭ ފަތުރުވެރިކަން ފަށަން ގިނަ ރަށްރަށުން ޝައުގުވެރިކަން ފާޅުކުރާކަމަށާއި، ނަމަވެސް މިކަމުގައި ދިވާމާ ދައްޗަކީ ފީބޮޑުވުމުގެ މައްސަލަ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި މުޅިން އައު ކޮންސެޕްޓެއްކަމަށްވާ ހޯމް ސްޓޭ ފަތުރުވެރިކަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފްކޮށްފައިވަނީ މ.ދިއްގަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ، ހޯމް ސްޓޭ ފަތުރުވެރިކަން ފަށަން އެންމެ ފުރަތަމަ ލައިސަންސް ދޭންޖެހެނީ ރަށަށްކަމަށާއި، ރަށަށް ލައިސަންސް ދޭންޖެހެނީ ގެސްޓްހައުސް ހޯމްސްޓޭ މޮޑެލްގައި ކައުންސިލުން ވަރަށް ގިނަ ކަންތައްތަކެއްގެ ލީޑް ރޯލް އަދާކުރާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްސަކޮށް ޓޫރިސްޓުންނަށް މައުލޫމާތު ދިނުމާއި، ޓޫރިސްޓުންގެ ކަންކަން ބެލުމާއި، ޚާއްސަކޮށް ރަށުގައި ޓޫރިސްޓުން ބޭނުންވާ ޚިދުމަތްތައް ޤާއިމްކުރެވިފައި ހުރިތޯ ޔަޤީންކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހޯމް ސްޓޭ ފަށަން ގިނަ ރަށްރަށުން ޝައުގުވެރިވި ނަމަވެސް ދައްކަންޖެހޭ ފީބޮޑުވުމުގެ ސަބަބުން މިކަން ބައެއް ފަރާތްތަކަށް އުނދަގޫވެފައިވާކަމަށެވެ. އެހެންކަމުން ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤާނޫނުގައި މިއޮތް 5000 ރުފިޔާ ކަނޑާލައިގެން ގިނަ ބޭފުޅުންނަށް މި ފެށެންއަންނަނީ. މިހާރު 2 ކޮޓަރިވިއަސް 3 ކޮޓަރިވިއަސް މިހާރު ޤާނޫނު އޮންނަ ގޮތުން ދައްކަން އެބަޖެހޭ. އަޅުގަނޑުމެން އެންމެން އެބަ ހިތުގެ އަޑިން ގަބޫލުކުރަން އެއީ ނަގަންޖެހޭ އެއްޗެއްކަމަށް. ލޯކަލް ޓޫރިޒަމް ރައްރަށަށް ފުޅާކުރުމަށް ކުރާ ދަތުރުތަކުގައި މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާ އެބޭފުޅުން ވަރަށް އިތުބާރާއި ޔަޤީންކަމާއިއެކު އެބޭފުޅުންގެ ބަސް ދެއްވާފައި އޮތީ ފަތުރުވެރިކަން ފަހި ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް މަޖިލިސްތެރެއިން ހަމަ ބާރު ސްޕީޑްގައި ގެންގޮސް ނިންމައިދޭނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ހިންގާ އެއް މޮޑެލެވެ.