ޚަބަރު

15 ދަރިވަރުން ބޯޑަރު ހުރަސްކޮށް ދިވެހި ޓީމުގެ ބެލުމުގެ ދަށަށް


ޔުކްރައިންގައި ތިބި ދިވެހިންގެ ތެރެއިން އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހިން ރޭ ހަންގޭރީއަށް އެތެރެވުމުން ދިވެހި ސަރުކާރުން އެ މީހުންނާއި ހަވާލުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި 15 ދިވެހިން ރާއްޖޭ ގަޑިން ރޭ 11:30 ގައި އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަދެފައިވާކަމަށެވެ. އަދި މި ދިވެހިން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުކޮށް ފޮރިން މިނިސްޓްރީގެ ޓީމާއި ގުޅިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މި 15 ދިވެހިން ކުރިޔަށް އޮތް 2 ދުވަހެއްގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ހަރްކީވްގައި ބާކީ ތިބި 8 ދިވެހިނާއި ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ބާރލިންގައި ހުރި ދިވެހި އެމްބަސީން ހުއްޓުމެތްނެތި މި މަސައްކަތް ކުރަމުން އަންނަކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ.

މީގެއިތުރުން ބެލަރޫސްގެ ގްރާޑްނޯ މެޑިކަލް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި ކުދިން ތިބީ ހަމަނުޖެހުން ހިގަމުންދާ ސަރަހައްދުގެ ބޯޑަރާއި 1500 ކިލޯ މީޓަރު ދުރުގައިކަމަށާއި އެކުދިން ކަންކަނ ބަލަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ބެލަރޫސްގައި ތިބި 140 ދަރިވަރުންނާއި ގުޅާ އެކުދިންގެ ހާލު ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ހަނަގުރާމަ ހިގަމުންދާ ޔުކްރެއިންގެ ބޯޑަރާއި ކައިރިން ރަޝިޔާގެ ކާސްކްގައިވެސް ދިވެހި ކުދިން އެބަ ތިއްބެވެ. މި ކުދިންނާއިވެސް ގުޅަމުން އަންނަކަމަށާއި އެ ސަރަހައްދުގައި އެއްވެސް ކަމެއްނެތްކަމަށް އެކުދިންގެ ފަރާތުން މައުލޫމާތލިބިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.