ޚަބަރު

ޕުޓިންނާ ދެކޮޅަށްވެސް އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުގެ ދަތިކުރުމުގެ ފިޔަވަޅު


ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ދެކޮޅަށް އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

27 ޤައުމުގެ މައްޗަށް އެކުލެވޭ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އެންމެ އިސްވެރިޔާ ޖޮސެޕު ބޮރެލް ވިދާޅުވީ ޕުޓިންނާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވުރޮފުގެ ފައިސާއާއި މުދާ ހިފެހެއްޓުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ދަތުރުފަތުރުކުރުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ވިލާތުގެ އިއްތިޙާދުން އަޅައިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ޕުޓިންނާއި ލަވުރޮފު ދަތުރުފަތުރުކުރުން މަނާކުރަން ނުނިންމީ މުސްތަޤްބަލުގައި ބާއްވައި މަޝްވަރާތަކަށް އެ ދެ ބޭފުޅުން ޙާޒިރުވެވަޑައިގަތުމަށް ދަތިކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެތީއެވެ. މީގެ ކުރިން ވިލާތުގެ އިއްތިޙާދުންވަނީ ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ 300 މެންބަރުންނާއި އެ ޤައުމުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ނޫސްވެރިންނާ ދެކޮޅަށްވެސް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

އިނގިރޭސިވިލާތުންވެސްވަނީ ޕުޓިންނާއި ލަވުރޮދުގެ ފައިސާއާއި މުދާ ހިފެހެއްޓުމަށް ނިންމައިފައެވެ. އަދި ދުނިޔޭގެ ބޭންކިންގެ ނިޒާމުން ރަޝިޔާ ބާކީކުރުމަށް ތާއީދުކުރުމަށް އިނގިރޭސިވިލާތުންވަނީ ރަހްމަތްތެރި ޤައުމުތަކުގައި އެދިފައެވެ. މީގެ ކުރިން ރަޝިޔާގެ ޤައުމީ އެއަރލައިންކަމަށްވާ އޭރޯފުލޯޓު އިނގިރޭސިވިލާތުގައި އުދުހުން މަނާކޮށް ރަޝިޔާއާއެކު އޮންނަ މާލީ ގުޅުންތައްވެސްވަނީ ކަނޑާލައިފިއެވެ. ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއާއި ކެނެޑާއިންނާއި އޮސްޓުރޭލިޔާއިންނާއި ޖަޕާނުންވެސްވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ސުޓާލިން ޕައުންޑާއި ޑޮލަރުގެ މުޢާމަލާތްތައް ކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުމާއި ރަޝިޔާގެ 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު ނުހޯދޭނެ ގޮތް ހެދުން ހިމެނެއެވެ.

މީގެ ކުރިން ވިލާތުގެ އިއްތިޙާދުންވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އެލްކްސަންދަރް ލުކަޝެންކޯއާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުން ޕުޓިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޝަރުތުތަކާއެކު ޔޫކްރެއިނާ ޞުލްޙަައިގެ މަޝްވަރާތައް ކުރުމަށް ވަފުދެއް ފޮނުއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައިވަނިކޮށެވެ.