ކުޅިވަރު

ސަރުކާރުގެ ޚަރަދުގައި ގޭމްސްއަށް ދިއުމުގެ ފުރުޞަތު އެބައޮތް


ސަރުކާރުގެ ޚަރަދުގައި ސައުތް އޭޝިއަން ގޭމްސްއަށް ދިއުމުގެ ފުރުޞަތު ހުރިހާ ޓީމްތަކާއި ކުޅުންތެރިންނަށްވެސް އެބައޮތްކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ އަންނަ މަހު އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ސަރުކާރުގެ ޚަރަދުގައި ބައެއް ޓީމްތަކަށް ނުދެވޭތީ އޮތް ކަންބޮޑުވުންތަކާއި ގުޅޭގޮތުން މިރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ނަތީޖާ ނެރެވޭ، ވާދަކުރެވޭ، އެކަމަށް މަސައްކަތްކުރާ ޓީމްތަކާއި ކުޅިވަރުތަކަށް ޚަރަދުކުރެއްވުންކަމަށެވެ. ސައުތް އޭޝިއަން ގޭމްސްއަށް ސަރުކާރުގެ ޚަރަދުގައި ދިއުމުގެ ފުރުޞަތު މިވަގުތު ނެތްކަމަށް ކަނޑައަޅުއްވާފައިވާ ޓީމްތަކުން ނުވަތަ އެސޯސިއޭޝަންތަކުން އަދި އޮލިމްޕިކް ކޮމިޓީންވެސް އެކުޅީވަރުތަކުން ނަތީޖާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތައް ހުށައެޅުމުން ދެވަނަ ވިސްނުމަކަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ." ނަތީޖާ ހޯދުމަށް ކުރީ ކޮންކަމެއްތޯ؟ ވާދަކުރެވިދާނެތޯ؟ މުބާރާތަށް ތައްޔާރުވުމަށް ކުރަނީ ކޮން މަސައްކަތެއްތޯ؟ ވެދިޔަ ތަނުގެ ނަތީޖާއަކީ ކޮބައިތޯ؟ މިފަދަ މައުލޫމާތުތައް ހިމަނުއްވައިގެން އިވެލުއޭޝަނެއް އަޅުގަނޑުމެންނަށް ހުށައެޅީމާ އަޅުގަނޑު ކުޅިވަރުގެ ޤައުމީ މަޖިލީހުގައި އެދޭނަން އަލުން ދެވަނަ ވިސްނުމަކަށްދާން. ޤައުމީ މަޖިލީހުން ނުވެއްޖެނަމަ ރައީސްއަށްވެސް ދަންނަވާނަން. އަޅުގަނޑު މިދަންނަވަނީ އިވެލުއޭޝަން ހުށައަޅުއްވާށޭ. " ވަޒީރު ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ނަތީޖާ ނެރެވޭނެ ކުޅިވަރުތައް ނުވަތަ ސަރުކާރުގެ ޚަރަދުގައި ގޭމްސްއަށްދާނެ ކުޅިވަރުތައް ކަނޑައެޅުއްވީ މިނިސްޓްރީން ނޫންކަމަށެވެ. އެކަން ކުރެއްވީ ކުޅިވަރު އެސޯސިއޭޝަންތަކުގައާއި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނޭ ކުޅިވަރުގެ ޤައުމީ މަޖިލީހުންކަމަށެވެ. އަދި އެފަދަ އިވެލިއޭޝަނެއް ހައްދަވައި، ކެޓަގަރައިޒް ކުރެއްވުމަށް އޮލިމްޕިކް ކޮމިޓީގައިވެސް އެދުނުކަމަށާއި، ނަމަވެސް އެބޭފުޅުންނަށް އެކަން ނުވުމުން އޮލިމްޕިކް ކޮމިޓީއާއެކުވެސް ބައްދަލުކޮށްގެން ލިބުނު މައުލޫމާތުތަކުގެ އަލީގައި އެމަސައްކަތްކުރެއްވީ ޤައުމީ މަޖިލީހުންކަމަށެވެ. ރާއްޖޭގެ ކުޅިވަރަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުވެސް ބޮޑު ހޭދައެއްކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.