ޚަބަރު

އޯޝަން 6|50 އިވެންޓް މިއަދު ފަށާނެ


އޯޝަން 6|50 އިވެންޓް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ހަރަކާތުގައި ޑައިވް ކުރަނީ ކުރިން ދިފާއީ ބާރުގައި ޑައިވަރަކަށް މަސައްކަތްކުރި ޝަފްރާޒް ނައީމެވެ. އޭނާ ވަނީ ޑައިވް އިންސްޓަކްޓަރެއްގެ ގޮތުގައި މި އިންޑަސްޓްރީގައި 27 އަހަރު މަސައްކަތްކޮށްފައިވައެވެ. މި އެކްސްޓްރީމް ޑައިވް އިވެންޓަށް ތައްޔާރުވުމަށް އޭނާ ވަނީ ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު ހާނާ، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޓެކްނިކަލް ތަމްރީންތައްވެސް ފުރިހަމަކޮށްފައެވެ.

އޯޝަން 6|50 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިންގ އިވެންޓެކެވެ. މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ޑައިވިންކޮމިއުނިޓީއާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.

ކުޑަގިރި ފަރުގައި ޝަފްރާޒް 50 ގަޑިއިރު މޫދުގެ 63 މީޓަރުގައި ހޭދަކުރާނެއެވެ. އޭނާގެ ޓީމުގައި ތަޖުރިބާކާރު ޑައިވަރުން ބައިވެރިވާނެއެވެ.