ޚަބަރު

ރައީސްކަމުގެ ބާރުތަކާއި ހަވާލުވެވަޑައިގެން ނައިބު ރައީސް ހުވާކުރައްވައިފި


ނައިބު ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެޑައިގެން އެކަމުގެ ހުވާކުރައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ މަޤާމާއި ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުވާ މިކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސާޖަރީއެއް މިއަދު ހެނދުނު ކުރައްވާތީއެވެ.

ތައިރޮއިޑްގެ ބޭސްފަރުވާއަކަށް ސިންގަޕޫރުގައި ހުންނަވާ ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލުކުރައްވާފައިވާކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާފައިވާކަމަށެވެ.

މީރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ. އަދި މީރައީސްގެ މަސްއޫލިއްޔަތުތަކާއި ނައިބު ރައީސް ހުވާކުރައްވައިގެން ހަވާލުވެޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިއަދު ހެނދުނު 6 ޖެހިއިރު މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްއަށް ހުވާލާދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރަޢީސް ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެޑައިގެންނެވިއެވެ.

ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީ ގޮތުން އެމަނިކުފާނު އުޛުރުވެރިވެއްޖެކަމަށް ފެނިއްޖެނަމަ ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާނީ އެކަން ރައްޔިތުން މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހުގައިކަމަށެވެ.