ޤާނޫނުން ކައުންސިލްތަކަށް ފަހިކޮށްދިން ބާރުތަކާއެކު، އަތޮޅުތަކުގެ ރަށްތަކުން އެ ހެޔޮ ބަދަލު ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ލޯކަލް ގަވަމަންޓް އޮތޯރިޓީންދޭ "ކަންގަތި" އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެލްޖީއޭގެ ކަންގަތި އެވޯޑް ޙަފްލާގައި ނައިބުރައީސް ވަނީ "ކައުންސިލްތަކުގެ ރޭންކިންގ 2019-2020" ފޮތް ނެރެދެއްވާފައެވެ. އަދި ކަންގަތި އެވޯޑްގައި ވަނަވަނައަށް އައި ކައުންސިލްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުންއަންނަ އެވޯޑެކެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވި ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަޢުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ކުރެއްވި މަސައްކަތަކީވެސް ހިފެހެއްޓިފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލައި، ކައުންސިލްތަކަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދިނުންކަމަށް ވިދާޅުވިއެވެ.
މިއީ ރަށްރަށުގެ ކަންކަން ނިންމުން، ރަށު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ކައުންސިލްތަކަށް ލިބިފައިވާ ބާރު ބޭނުންކުރުމުގައި، ރައްޔިތުންގެ ފުރިހަމަ ޚިޔާލާއި މަޝްވަރާ ހޯއްދެއްވުމަށް ނައިބު ރައީސް ކައުންސިލްތަކުގެ ކިބައިން އެދިލެއްވިއެވެ.
"މިހާރު މިއޮތީ ކައުންސިލްތައް އަމިއްލައަށް ހިނގައިގަތުމުގެ މަގު ފަހިވެފަ. އަދި ލާމަރުކަޒީ ނިޒާމުގެ ހެޔޮ ބަދަލު އަތޮޅުތަކުންވަނީ ފެންނަން ފަށާފައި. ޚާއްސަކޮށް ސަރުކާރުން އަތޮޅުތައް އިސްކޮށް، ރަށްރަށަށް ގެންނަމުންދާ ތަރައްޤީ ދަނީ ފެންނަމުން." ނައިބުރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކޭ އެއްވަރަށް އިޖްތިމާޢީ ހަމަޖެހުން ގެނައުމާއި ދުޅަހެޔޮ ޒުވާންޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރަށުގެ ބޮޑުވަމުން އަންނަ ޖީލަކީ ރަށަށް ފައިދާހުރި ހުނަރުވެރި ޖީލެއްގެ ގޮތުގައި ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށްވަނީ އެދިފައެވެ.
ނައިބުރައީސްވަނީ ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދެއްވަމުންދާ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ރާއްޖެތަމްސީލުކުރެއްވުމަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ބެލި ނަމަވެސް މީގެ ކުރިން ނުފެންނަ މިންވަރަށް އަންހެނުންގެ ހިއްސާ އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.