ކުޅިވަރު

އޯޕަން ވޯޓާ ވޯލްޑް ސީރީސް ރާއްޖޭގައި ބާއްވަނީ


ފީނާ އޯޕަން ވޯޓާ ވާލްޑް ސީރީސް ރާއްޖޭގައި ބޭއްވުމުގެ މަޝްވަރާކޮށްފިއެވެ. ދުނިޔޭގެ ފެތުމުގެ މައި އިދާރާ (ފީނާ) އިން ޝައުގުވެރިކަން ފާޅުކޮށް، ޔޫތު މިނިސްޓްރީއާއެކު ވަނީ އެކަމާގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ދުނިޔޭގެ ފެންވަރުގެ ފެތުމުގެ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވަން މަޝްވަރާތައް ފަށާފައި މިވަނީ ފީނާގެ ރައީސް ހުސައިން އަލް މުސައްލަމް ރާއްޖެ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފީނާގެ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރާ ވެސް ބައްދަލުކުރައްވައިފައެވެ.

މިއަދު ޔޫތު މިނިސްޓްރީގައި މިނިސްޓަރު މަހުލޫފާ އެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފީނާގެ ރައީސް ހުސައިން އަލް މުސައްލަމް ވިދާޅުވީ ރާއްޖޭގައި ސްވިމިން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފީނާ އޮތީ ތައްޔާރަށް ކަމަށެވެ. ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްވަރާ ކުރަމުން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ގޮތްތަކާއި ގުޅޭގޮތުންކަމަށް ފީނާގެ ރައީސް ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ރާއްޖޭގައި މިވަގުތު މުބާރާތް ބޭއްވޭ ފެންވަރުގެ ޕޫލެއް ނެތުމުން ވިސްނީ ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެމް ކުރިޔަށް ގެންދެވިދޭނެ މުބާރާތަކާމެދު ކަމަށެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލާއިރު އޯޕަން ވޯޓާ ސްވިމިން އަކީ ރާއްޖޭގައި ކުރި އެރުވޭނެ ބައެއް ކަމަށާއި، ފީނާ އޯޕަން ވޯޓަ ވާލްޑް ސީރީސް ރާއްޖޭގައި ބޭއްވުމަށް ފީނާ އިން ތައްޔާރަށް އޮތް ކަމަށް ފީނާގެ ރައީސް ހުސައިން އަލް މުސައްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޖަމިއްޔާގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ އެއް ކަމަކީ ރާއްޖޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތް ކަމަށެވެ. އަދި މި ޕޫލް ނުވަތަ އެކުއެޓިކް ސެންޓަރަކީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް ވަރަށް އެކަށޭނެ ތަނަކަށް ހެދުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްވެސް ވެސް ފީނާ އިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ގުދުރަތީ ގޮތުން ރާއްޖެ އަށް އެބައޮތް އޯޕަން މުބާރާތްތައް ބޭއްވޭނެ ރަނގަޅު ފުރުސަތުތަކެއް، އަދި މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުން ދުނިޔޭގެ މަތީ ފަންތީގެ ފެތުންތެރިންނާއެކު ރާއްޖޭގެ ފެތުންތެރިންނަށް ތަޖުރިބާތަކެއް ލިބި ކުރިއެރުންތަކެއް ލިބޭނެ" ފީނާގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަހުމަދު މަހުލޫފު ވަނީ ފީނާ ކަހަލަ ދުނިޔޭގެ ބޮޑު ކުޅިވަރު ޖަމިއްޔާއެއްގެ ރައީސަކު ރާއްޖެ ވަޑައިގެން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދެއްވުމަށް ދެއްވި ޔަގީންކަމަށް ޝުކުރު އަދާކުރައްވައިފައެވެ. މިނިސްޓަރ މަހުލޫފު ވިދާޅުވީ ފީނާގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ އެއް ކަމަކީ މާލޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތް ކަމަށެވެ. ފީނާގެ އެއްބާރުލުމާއެކު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ވެސް އަދި މިނިސްޓްރީ އިން ވެސް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ސްޕޯޓްސް ޓުއަރިޒަމާއެކު ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވޭތީ އެކަމާއި ހިތްހަމަޖެހުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މީގެ ކުރިން ދުނިޔޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބައެއް އިސް ވެރިން ވަނީ ރާއްޖެ އައިސްފައި. ފީނާގެ ރައީސަކު މިއައީ އަލަށް. އެހެންވީމަ މިއީ ރާއްޖެއަށް ބޮޑު ފުރުސަތެއް. ފީނާ އިން ވަރަށް ބޮޑަށް އަޅުގަނޑުމެންނާއި، އެމްއޯސީ އާއި އެސޯސިއޭޝާނާއި ގުޅިގެން ގިނަ ކަންކަން ކުރަން ރޭވިފައި މިހާރު މިހިރީ. އެންމެ ބޮޑަށް ފީނާ އިން އެހީވުމަށް ހަމަޖެހިފައި އޮތީ މާލޭގައި އަޅާ ބޮޑު ޕޫލްގެ މަސައްކަތަށް" މަހްލޫފު ވިދާޅުވިއެވެ.

ފީނާގެ އެހީތެރިކަން މިހާރު ވެސް ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ލިބެމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ފީނާގެ ސްކޮލަޝިޕެއްގައި ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ ޢަލީ އިމްއާން މިހާރު ހުރީ ރަޝިޔާގެ ކަޒާންގައެވެ. ފީނާގެ މައި ތަމްރީން ސެންޓަރެއްގައި ހަދަމުން އަންނަ ތަމްރިންތަކާ އެކު އިމްއާން ހޯދަމުން އަންނަ ކުރިއެރުން ފީނާގެ ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

މާލޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތްތަކާއި، ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ އިތުރުން ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން ކުރިއަށްގެންދާ "ސްވިމިންގ ފޯ އޯލް" ޕްރޮގްރާމަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފީނާ އިން ވަނީ ނިންމައިފައެވެ.