ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެ ލަންކާ، އުޒްބެކިސްތާން، ތައިލެންޑް އެއް ގްރޫޕަކަށް


އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ. އޭޝިއަންކަޕް އޮންނާނީ އަންނަ އަހަރު ޗައިނާގައެވެ.

އަންނަ ޖޫން މަހު ސެންޓްރަލައިޒްކޮށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އުޒްބެކިސްތާންގައެވެ. ރާއްޖެއިން އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ހުށަހެޅި ނަމަވެސް އެ ފުރުސަތު ދިން ހަ ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނެއެވެ. ކޮލިފައިން ހޯސްޓް ކުރުމުގެ ފުރުސަތު ދިނީ އުޒްބެކިސްތާން، މެލޭޝިއާ، ކުވެއިތު، މޮންގޯލިއާ، ކިރްގިސްތާން އަދި އިންޑިއާ އަށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން އަށް ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށެވެ. 11 ވަނަ ދުވަހު އުޒްބެކިސްތާނާ ވާދަކުރުމަށް ފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 14 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭނެއެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕު 6 ގެ އެއްވަނަ ޓީމާއި ގްރޫޕް 6ގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕުން ޖާގަ ލިބޭނެއެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަލަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހުގެ 24 ވަނަ ދުވަހު ރާއްޖޭން މާލޭގައި ބަންގްލަދޭޝް ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.

އޭޝިއަން ކަޕް ކޮލިފައިން ރާއްޖެ ގްރޫޕްގައި ހިމެނޭ ލަންކާއާ ދެކޮޅަށް މޮރިއޭރޯގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މިދިޔަ ނޮވެމްބަރު މަހު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައި ކުޅެފައެވެ. އެ މެޗުން ރާއްޖެ 4-0 އިން ކުރީގައި އޮއްވައި، ލަންކާ އިން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައި އެއްވަރުކޮށްފައެވެ. ތައިލެންޑުން ވަނީ ރާއްޖެއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެފައެވެ.

ސަރަހައްދުގެ އެހެން ޓީމުތަކަށް ބަލާއިރު، އިންޑިއާ އިން ކަލްކަތާގައި ހޯސްޓްކުރާ ގްރޫޕްގައި އޮތީ ހޮންކޮން އާއި އަފްގާނިސްތާން އަދި ކެމްބޯޑިއާއެވެ.

ނޭޕާލުން ވާދަކުރަން ޖެހިފައި އޮތީ ކުވޭތާއި ޖޯޑަން އަދި އިންޑޮނީޝިއާއާ އެއް ގްރޫޕެއްގައެވެ. މެޗުތައް ކުވޭތުގައި ކުޅޭއިރު ނޭޕާލްގެ ކޯޗަކަށް ހުރި ޢަބްދުﷲ އަލް މުތައިރީ އަކީ ކުވޭތުގެ ކޯޗެވެ. މީގެ ކުރިން 1980ގައި އޭޝިއަން ކަޕްގައި ކުޅުނު ބަންގްލަދޭޝް އިން ދެ ވަނަ ފަހަރަށް އެ މުބާރާތަށް ކޮލިފައިވާން ކުރާ މަސައްކަތުގައި ވާދަކުރަންޖެހޭނީ މެލޭޝިއާ ކުޅޭ ގްރޫޕްގައެވެ. އެ ދެ ގައުމުގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ތުރުކުމެނިސްތާނާއި ބަހްރެއިނެވެ.