ޚަބަރު

މަންޓާ އެއަރއިން އައްޑޫ ސިޓީއަށް ޝެޑިއުލް ދަތުރުތައް ފަށައިފި


މަންޓާ އެއަރއިން އައްޑޫ ސިޓީ ގަމަށް ބޭއްވުމަށް ނިންމާފައިވާ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.

މާލެއާއި އައްޑޫސިޓީ ގަމާއި ދެމެދު މަންޓާގެ ދަތުރުތައް ފަށާފައިވާއިރު، މިއަދު ދަތުރުތައް ފަށާނެކަން މަންޓާއިން އޮތީ ކުރިން އިއުލާންކޮށްފައެވެ.

މަންޓާއިން ބުނީ އެ އެއަރލައިނުން އައްޑޫސިޓީއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އޭޓީއާރް 600-72 މަރުކާގެ ބޯޓުތައް ކަމަށެވެ. އަދި ރާއްޖޭގެ އެހެން އެއަރލައިންތަކާއި ޚިލާފަށް ރަނގަޅު ފެންވަރުގެ އިންފްލައިޓު ޚިދުމަތާއެކު ހިތްހަމަޖެހޭ ދަތުރެއް ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދަދިދޭނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާއިން ބުނީ އައްޑޫ ކުރާ ދަތުރުތައް އިތުރު އަގަކާއި ނުލައި ދަތުރުކުރާ ތާރީޚް އެއްފަހަރަށްވުރެ ގިނައިން ބަދަލުކުރެވޭނެކަމަށެވެ.

މަންޓާއިން ވަނީ އައްޑޫ ސިޓީގެ ދަތުރުތަކަށް ޓިކެޓް ވިއްކުމުގައި 1 މަސްދުވަހުގެ ޕްރޮމޯޝަނެއްގެ ދަށުން ޚާއްޞަ އަގުތަކެއް ކަނޑައަޅާފައެވެ. ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ދެ ކްލާހެއްގެ ޓިކެޓު ވިއްކާ ހަމައެކަނި އެއަރލައިނަކަށް މަންޓާ އެއަރ ވާއިރު، އައްޑޫސިޓީއަށް ކުރާ ދަތުރުތަކުގައިވެސް މި ދެ ކްލާހުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މާރޗް 23 ގެ ނިޔަލަށް ޕްރޮމޯޝަނުގެ ދަށުން ދިވެހިންނަށް ޚާއްޞަކޮށްގެން އައްޑޫގެ ދަތުރުތަކުގެ ކޮމްފޯޓް ކްލާސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1250 ރުފިޔާއަށެވެ. ކޮމްފޯޓް ކްލާސް ޓިކެޓަކަށް 22 ކިލޯގެ ލަގެޖް ލިބޭނެއެވެ. މީގެއިތުރުން ސެފަޔަރ ކްލާހުގެ ޓިކެޓް 1850 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު މީގެ ޓިކެޓަކަށް 35 ކިލޯގެ ޗެކިން ލަޖެގް ލިބޭނެއެވެ.

އަމިއްލަ ކުންފުންޏަކުން ހިންގާ މަންޓާ އެއަރގެ ދަތުރުތަކަށް ބޮޑު ތަރުޙީބެއް ލިބޭނެކަމަށް ބަލައި، ކޮންމެ ދުވަހަކު މާލެއިން ގަމަށް ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ސްރީލަންކަން އެއަރލައިންސްއިން ގަމަށް ކުރާ ޝެޑިއުލް ދަތުރާއި ދިމާކޮށް، ދ. އަތޮޅާއި ހަމައަށް ކަނެކްޝަން ފްލައިޓުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް މަންޓާއިން ވަނީ ހާމަކޮށްފައެވެ. މަންޓާ އެއަރގެ އެއްބާރުލުމާއެކު ސްރީލަންކަންއިން މިހާރު އައްޑޫ ސިޓީއަށް ކޮންމެ ހަފްތާއަކު އެއް ދަތުރުގެ މަގުން ބާއްވަމުންއަންނަ ދަތުރުގެ ބަދަލުގައި ހަފްތާއަކު 3 ދަތުރު ބޭއްވުމަށް މަޝްވަރާ ކުރަމުންދާކަމަށް ސްރީލަންކަން އެއަރލައިންއިން ވަނީ ބުނެފައެވެ.

މަންޓާއިން ޝެޑިއުލް ދަތުރުތައް ކުރާ މަންޒިލުތައްކަމަށްވާ ބ.ދަރަވަންދޫ އަދި ދ.ކުޑަހުވަދޫގެ އިތުރުން މި ލިސްޓަށް އައްޑޫސިޓީ އިތުރުވެފައިވާއިރު، މަންޓާއިން ދަނީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޗާޓަރ ފްލައިޓުގެ ޚިދުމަތް ދެމުންނެވެ.

މަންޓާ އެއަރގެ ޝެޑިއުލް ދަތުރުތަކުގެ ފުރަތަމަ ބޯޓު އައްޑޫ ސިޓީއަށް ޖައްސާފައިވާއިރު، ވައިގެ ދަތުރުތަކަށް އިތުރުވި މި ޚިދުމަތަކީ އެ ސިޓީގެ ރައްޔިތުން އެދި އެދި ތިބި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެކަމެކެވެ.