މުނިފޫހިފިލުވުން

ސަންޖޭ ދަތާއި ރަވީނާ އަނެއްކާވެސް އެކުގައި


90 ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަސްކަންކުރި ވަރުގަދަ ކެމިސްޓްރީއެއްވެސް އޮންނަ ދެ ތަރިން ކަމުގައިވާ ރަވީނާ ޓަންޑަނާއި ސަންޖޭ ދަތު އެކީގައި ރޮމޭންޓިކް ކޮމެޑީއެއްގެ މަސައްކަތް ފަށައިފިއެވެ.

ބިނޯއީ ގާންދީ ޑައިރެކްޓުކުރާ މި ފިލްމަކީ "ގުދްޗާދީ" އެވެ. ފިލްމުގެ ޓީޒާ އެއްވެސް މިހާރު ވަނީ ދައްކާލާފައެވެ.

ދީޕަކް ކުމާރީގެ ސްކްރީން ޕްލޭއަކަށް އުފައްދާ މި ފިލްމުގައި ލޯބީގެ އިތުރުން މަޖާކަންތައްތަކެއްވެސް ފެންނާނެއެވެ. ރަވީނާއާއި ސަންޖޭގެ އިތުރުން ކުޝާލީ ކުމާރު، ޕާތް ސަމްތާންވެސް ފިލްމުން ފެންނާނެއެވެ.

މީގެ ޕްރޮޑިއުސަރުންނަކީ ބޫޝާން ކުމާރު، ކިޝާން ކުމާރު، ނިދީ ދައްތާ އަދި ބިނޯއި ގާންދީއެވެ.
"ގުދްޗާދީ" ގެ އިތުރުން "ކޭއެފްޖީ:ޗެޕްޓަ 2" ގައިވެސް ރަވީނާ އާއި ސަންޖޭ އެކުގައި ފެންނާނެއެވެ.

2017 ވަނަ އަހަރު ދެއްކި ފިލްމު "މާތޫރް" އިން އެންމެ ފަހުން ފެނުނު ރަވީނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. "ބަޅޭ މިޔާން ޗޯޓޭ މިޔާން" ، "އަންދާޒް އަޕްނަ އަޕްނާ" ، "ދުލްހާ ރާޖާ" އަދި "މޮހޮރާ" ފަދަ ފިލްމުތަކަކީ ރަވީނާގެ އެކްޓިން ހުނަރު ދައްކާލާފައިވާ ރީތި ފިލްމުތަކެކެވެ.