ޚަބަރު

ދައުރުވަމުންދާ ފޮޓޯ: އެއީ ކޯސްޓްގާޑުގެ އުޅަނދެއް މަރާމަތުކުރަން އައި ޓެކްނީޝަނުން


ބޭރުބަޔަކު އެމްއެންޑީއެފްގެ ވެހިކަލްތަކަށް ފޮށިތަކެއް އަރުވާ މަންޒަރު ފެންނަ ފޮޓޯތަކަކާމެދު ސުވާލު އުފައްދައި މީޑިއާގައި ކުރަމުންދާ ތުހުމަތުތަކަށް އެމްއެންޑީއެފުން ރައްދުދެއްވައިފިއެވެ.

އެއީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގައި ބޭނުންކުރަމުންދާ އުޅަނދުފަހަރު މަރާމާތު ކުރުމަށް އައިސްގެން އުޅުނު އިންޑިއާގެ ޓެކްނީޝަނުންގެ ބަޔެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެފަރާތުން ބޭނުންވެއްޖެ ހިނދެއްގައި މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ އެހީތެރިކަން އަބަދުވެސް ހޯދާކަމަށާ، އެފަދަ ޓެކްނީޝަނުން ރާއްޖެއައިސް މަސައްކަތްކުރާނީ އެމްއެންޑީއެފުން ކަނޑައަޅާ ޕްލޭނެއްގެ ދަށުން ދިވެހި ސިފައިންގެ ބެލުމުގެ ދަށުންކަމަށެވެ.

ދައުރުވާ ފޮޓޯތަކުގައި ފެންނަ ޓެކްނީޝަނުންނަކީ ކަމަށްބޭނުންވާ ޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސް އުޅުނު މިދެންނެވިފަދަ ބައެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފް ގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދަޢުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދަވާކަމަށާ، ކޯސްޓްގާޑްގެ ޚިދުމަތުގައި ބޭނުންކުރަމުންދާ އުޅަނދުފަހަރުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީވެސް އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެދަށުންކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.

އެމްއެންޑީއެފްގެ ބޭނުންތަކަށް މިފަދަ ބޭރުގެ ފަރާތްތައް ރާއްޖެއައުމުގެ ކުރިން އެއަންނަމީހުންގެ މަޢުލޫމާތާއި ގެނެވޭ ތަކެތީގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސްއަށް ފޮނުވައި ހުއްދަލިބިގެން ނޫނީ އެމީހުން ރާއްޖެއަށް ދަތުރުވެސް ނުކުރާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ މިމަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ "ޝިޕް ކާމިޔާބު" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި ދެ ސިވިލް ޓެކްނީޝަނުން ކަމަށާއި މިމީހުން ފުރާފައިވަނީ މިމަހުގެ 19ވަނަ ދުވަހުކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

2021ވަނަ އަހަރުގެ ފަހުކޮޅު "ޝިޕް ހުރަވީ" މަރާމާތުކުރުމަށްވެސް އިންޑިއާގެ ނޭވީޑޮކްޔާޑުން ދެ ސިވިލް ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކުރުމަށްފަހު ފުރާފައިވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.