ޚަބަރު

ޔޫކްރެއިނުގައި ކުއްލި ޙާލަތު އިޢުލާންކޮށް ޢާއްމުން ހަތިޔާރު ނަގަނީ


ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކޮށް ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަށް ރަޝިޔާއިން ނިންމުމުން ރައްދުގައި ޔޫކްރެއިނުން ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ޔޫކްރެއިނުގެ މައްސަލާގައި އެމެރިކާއާއި ކެނެޑާއާއި އޮސްޓުރޭލިޔާއާއި ޖަޕާނާއި އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުން އެއްގަލަކަށް އަރައި ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީވަނީ އެ ޤައުމުގެ ރިސާވު ސިފައިން އަސްކަރީ ޚިދުމަތަށް ނުކުތުމަށް ޢަމުރުކުރައްވައި ޤަރާރެއް ނެރުއްވައިފައެވެ. އެ ގޮތުން އެ ޤަރާރުގައިވާ ގޮތުގައި އެ ޤައުމުގެ ރިސާވު ސިފައިންގެ ތެރެއިން ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުން އެއް އަހަރުދުވަހަށް އަސްކަރިއްޔާގައި ޚިދުމަތްކުރަން ޖެހޭނެއެވެ. ބެލެވޭ ގޮތުގައި ޔޫކްރެއިނުގެ ރިސާވު ސިފައިންގެ ޢަދަދު 900،000އަށް އަރާނެއެވެ.

ރަޝިޔާއާ ދެކޮޅަށް ހަނގުރާމައެއް ކުރަން ޖެހިދާނެކަމަށް ބެލެވޭ ދަނޑިވަޅެއްގައި ޔޫކްރެއިނުގެ ޤާނޫނުހަދާ މަޖިލީހުންވަނީ އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކުރުމުގެ މަސައްކަތްވެސް ފަށައިފައެވެ. އެ ގޮތުން 30 ދުވަހުގެ މުއްދަތަށް އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކުރުމުގެ ޒެލެންސްކީއަށް ދިނުމަށްވަނީ ނިންމައިފައެވެ. އަދި ބޭނުންވެއްޖެ ޙާލަތެއްގައި އެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކުރުމުގެ އިޚްތިޔާރު ދިނުމަށްވެސް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުންވަނީ ނިންމައިފައެވެ. ޔޫކްރެއިނުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް ލިބޭނެއެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ ޢާއްމުން އަމިއްލަ ދިފާޢަށް ހަތިޔާރު ނެގުމުގެ ޙުއްދަ ދިނުމަށްވެސް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުންވަނީ ނިންމައިފައެވެ.

އެމެރިކާގެ އަމިއްލަ ކުންފުންޏަކުން ޢާއްމުކޮށްފައިވާ ސެޓަލައިޓު ފޮޓޯތަކަކުން ދައްކައި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ ބަރުހަތިޔާރާއެކު ގިނަ ޢަދަދެއްގެ ސިފައިން ފޮނުވައިފައެވެ. އަދި ކޮންމެ އިރަކުވެސް ޔޫކްރެއިނަށް ރަޝީޔާއިން ޙަމަލާ ދީފާނެކަމުގެ އިންޒާރު ހުޅަނގުގެ ބާރުތަކުންވަނީ ދީފައެވެ.