ޚަބަރު

ހޮންގް ކޮންގުގެ މުޅި އާބާދީ ބައްޔަށް ތަޙުލީލުކުރަނީ


ހޮންގް ކޮންގުގެ މުޅި އާބާދީ ކޯވިޑް-19އަށް ތަޙުލީލުކުރަން ނިންމައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޮންގް ކޮންގުގެ އެންމެ އިސްވެރިޔާ ކެރީ ލާމު ވިދާޅުވީ ކުރިޔަށް އޮތް ތިން މަސްދުވަހަކީ ކޯވިޑް-19ގެ ޙާލަތު ގޯސްވާނެކަމަށް ލަފާކޮށްފައިވާ މުއްދަތެއްކަމަށެވެ. އެ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 180,000 މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އޮތްކަމަށް ދިރާސާތަކުން ދައްކާފައިވާކަމަށް ލާމުވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން ބަލިޖެހިފައިވޭތޯ ބެލުމަށް މުޅި އާބާދީ ތަޙުލީލުކުރުމަށް އޭނާވަނީ ބާރުއަޅުއްވައިފައެވެ.

ހޮންގް ކޮންގުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ މާރިޗު މަހުން ފަށައިގެން އެ ޤައުމުގައި ދިރިއުޅޭ 7.4 މިލިޔަން މީހުން ބައްޔަށް ތަޙުލީލުކުރަން ނިންމާފައިވާކަމަށެވެ. އަދި އެއީ މުޅި އާބާދީއަށް އޮތް މަޖޫބޫރުކަމެއްކަމަށާއި ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އޭޕުރިލް މަހުގެ މެދާ ހިސާބަށް ދަންމާލާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ގޮތުން ހޮންގް ކޮންގުގެ މުޅި އާބާދީގެ އެންމެން ތިން ފަހަރަށް ބައްޔަށް ތަޙުލީލުކުރުމަށް ނިންމާފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އެ ލަނޑުދަނޑި ޙާޞިލްކުރުމަށް ދުވާލެއްގެ މައްޗަށް އެއް މިލިޔަން މީހުން ބައްޔަށް ތަޙުލީލުލުރުމަށް ހޮންގް ކޮންގުންވަނީ ނިންމައިފައެވެ.

ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ހޮންގް ކޮންގުގައި ކޯވިޑް-19 ޖެހިފައިވަނީ 28,700 މީހުންނަށެވެ. އަދި ބަލިމަޑުކަމުގައި މަރުވެފައިވަނީ 336 މީހުންނެވެ.