ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކޮށް ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަށް ރަޝިޔާއިން ނިންމުމުން އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން އެއްގަލަކަށް އަރައި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.
ޔޫކްރެއިނުގެ މައްސަލާގައި އެމެރިކާއާއި ކެނެޑާއާއި އޮސްޓުރޭލިޔާއާއި ޖަޕާނާއި އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުން އެއްގަލަކަށް އަރައި ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްފަހު ބުނެފައިވަނީ ރަޝިޔާއިން އިތުރަށް ޔޫކްރެއިނުގެ ސަރަޙައްދަށް ވަދެގަނެ އެ ޤައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކޮށްފިނަމަ ދުވަހަކުވެސް ރަޝިޔާއަށް ކުރިމަތިނުވާވަރުގެ ނިކަމެތިކަމަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ.
ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަކާމެދު ހިތްހަމަނުޖެހިގެން ރަޝިޔާއިންވަނީ ދޮންބާސްގެ ދޮންޔެސްކާއި ލުހާންސްކަކީ މިނިވަން ދެ ދަޢުލަތްކަމަށް ޤަބޫލުކޮށް ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށްކަމަށް ބުނެ އެ ސަރަޙައްދަށް ބަރުހަތިޔާރާއެކު އެތައް ހާސް ސިފައިންނެއް ފޮނުވުމަށް ނިންމައިފައެވެ. ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިނަކީ ތާރީޚީ ގޮތުންނާއި ސަޤާފީ ގޮތުން އެ ޤައުމާ ގާތްގުޅުމެއް އޮންނަ ޤައުމެއްކަމަށާއި ނޭޓޯގެ މެންބަރަކަށްވެ އެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރިއަށް އެ އިއްތިޙާދުގެ ސިފައިން ޖަމާކުރުމުގެ ފުރުޞަތެއް ނުދޭނެކަމަށެވެ. އަދި ޔޫކްރެއިނަށް ދުވަހަކުވެސް ނޭޓޯގެ މެންބަރުކަން ނުދޭނެކަމުގެ ޔަޤީންކަމަކަށް ރަޝިޔާއިން އެދުނު ނަމަވެސް އެ އިއްތިޙާދުންވަނީ އެފަދަ ކަމަކަށް އެއްބަސްނުވެވޭނެކަމަށް ބުނެފައެވެ. ރަޝިޔާއިން ބުނެފައިވަނީ އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަސްކަރީ ގޮތުން ޔޫކްރެއިނާ ދެކޮޅަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތްކަމަށެވެ. އަދި ރަޝީޔާއިންވަނީ ބަރުހަތިޔާރާއެކު 190،000 ސިފައިން ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ފޮނުވައިފައެވެ.
ރަޝިޔާއާ ދެކޮޅަށް އަޅަން ނިންމާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިޢުލާންކުރައްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ރަޝިޔާގެ ޢަމަލުތަކަކީ ދުނިޔެއިން ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށާއި އެ ޤައުމުން ދައްކަނީ ޤަބޫލުކުރެވޭފަދަ ވާހަކަތަކެއް ނޫންކަމަށެވެ. ބައިޑަން ތުޙްމަތުކުރެއްވި ގޮތުގައި ރަޝީޔާއިން މަސައްކަތްކުރަނީ ބާރުގެ ބޭނުންކޮށްގެން ޔޫކްރެއިނުގެ ބޮޑު ބައެއް އަތުލުމަށެވެ. އަދި ރަޝިޔާއިން ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކޮށް ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް ބުނެ އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަކީ ޔޫކްރެއިނަށް ޙަމަލާދިނުމުގެ ފެށުންކަމަށް ބައިޑަން ވިދާޅުވިއެވެ.
އެމެރިކާގެ އަމިއްލަ ކުންފުންޏަކުން ޢާއްމުކޮށްފައިވާ ސެޓަލައިޓު ފޮޓޯތަކަކުން ދައްކައި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ ބަރުހަތިޔާރާއެކު ގިނަ ޢަދަދެއްގެ ސިފައިން ފޮނުވައިފައެވެ. އެ ގޮތުން އެ ފޮޓޯތަކުން ދައްކައި ގޮތުގައި ރަޝިޔާއިންވަނީ އެ ޤައުމުގެ ހުޅަނގުގެ ސަރަޙައްދުތަކަށާއި އަވަށްޓެރި ބެލަރުސްގެ ދެކުނުގެ ސަރަޙައްދުތަކަށް ގިނަ ޢަދަދެއްގެ އަސްކަރީ އުޅަންދުތަކާއި ސިފައިން ޖަމާކޮށްފައެވެ. ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ޤައުމުން ވަކިވެގަންނަން މަސައްކަތްކުރާ ދޮންބާސްގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަރުގަދަ ޙަމަލާތަކެއް ދީފައިވާކަމަށެވެ. އެ ގޮތުން ރަޝިޔާއިން ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން އެ ޖަމާޢަތްތަކުން ޔޫކްރެއިނަށް ދީފައިވާ ޙަމަލާތަކުން ޔޫކްރެއިނުގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ.
އެމެރިކާ އިސްވެ ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ޢަމާޒުކޮށްފައިވަނީ އެ ޤައުމުގެ ނުފޫޒުގަދަ ވިޔަފާރިވެރިންނަށާއި ބޭންކުތަކަށްށެވެ. އަދި ރަޝިޔާގެ ޢަދާވާތްތެރިކަން ނުހުއްޓައިފިނަމަ ޓެކްނޮލޮޖީގެ ދާއިރާއިން އެ ޤައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ޤައުމުތަކުންވަނީ ދީފައެވެ. ރަޝިޔާއާ ދެކޮޅަށް އެންމެ ވަރުގަދަ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައިވަނީ ޖަރުމަންވިލާތުންނެވެ. އެ ގޮތުން ޖަރުމަންވިލާތުންވަނީ ރަޝިޔާއިން ވިލާތަށް ގޭސް ގެންދިޔުމަށް އަޅާފައިވާ ނޯޑު ސުޓުްރީމު 2 ބޭނުންކުރުމުގެ ޙުއްދަނުދިނުމަށް ނިންމައިފައެވެ. އެ ގޭސް ހޮޅިވަނީ ރަޝިޔާއިން ޖަރުމަންވިލާތާ ހަމައަށް އަޅައި ނިންމައިފައެވެ. އަދި އެ ހޮޅި ބޭނުންކުރުމުގެ ޙުއްދަ ނުދިނުމަކީ ރަޝިޔާއާ ދެކޮޅަށް ވިލާތުން އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.
ހުޅަނގުގެ ބާރުތަކުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުން ރަޝިޔާއިން ބުނެފައިވަނީ އެފަދަ ފިޔަވަޅުތަކަކީ އެ ޤައުމަށް އައު ކަމެއް ނޫންކަމަށާއި އެ ޤައުމަށް ލިބޭނެ ގެއްލުމެއް ނެތްކަމަށްށެވެ. އަދި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ރަޝިޔާއިން ވަކި ގޮތަކަށް ޢަމަލުކޮށްގެން ނޫންކަމަށާއި އެފަދަ ފިޔަވަޅުތައް އަޅަނީ ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުން ހުއްޓުވުމަށްކަމަށްވެސް އެ ޤައުމުން ބުނެއެވެ.
2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.