ޚަބަރު

ހުޅަނގުގެ ރައްދު: ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފި


ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކޮށް ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަށް ރަޝިޔާއިން ނިންމުމުން އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

ދޮންބާސްގެ ދޮންޔެސްކާއި ލުހާންސްކުންވަނީ 2014ވަނަ އަހަރުގެ ތެރޭގައި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައެވެ. އަދި އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރުމަށް އެންމެ ފުރަތަމަ އެދިފައިވަނީ ރަޝިޔާގެ ކިބައިންނެވެ. ޔޫކްރެއިނުގެ ފައުޖުތަކާއި ދޮންބާސްގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުންވަނީ ދޮންޔެސްކާއި ލުހާންސްކުގެ މިނިވަންކަން ޤަބޫލުކުރެއްވުމަށް އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނަށް ހުށަހަޅުއްވައިފައެވެ. އަދި ޔޫކްރެއިނުގެ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ފާއިތުވި ދުވަސްތަކުގައި ދޮންޔެސްކާއި ލުހާންސްކުން 61،000އަށްވުރެ ގިނަ މީހުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް އެތެރެވެފައެވެ. އެއާއެކު ޕުޓިންވަނީ ދޮންޔެސްކާއި ލުހާންސްކުގެ އެންމެ އިސްވެރިންގެ ޙާޒިރުގައި އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރައްވައި ޤަރާރެއްގައި ސޮއިކަރައްވައިފައެވެ.

ރަޝިޔާގެ ނުފޫޒުގެ ދަށަށް ދޮންބާސް ގެނައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. އެ ގޮތުން ރަޝިޔާއާ ދެކޮޅަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ އެމެރިކާއިންނެވެ. އެ ޤައުމުންވަނީ ދޮންބާސާ އެއްވެސް ވިޔަފާރީގެ މުޢާމަލާތްތަކެއް ނުކުރުމަށާއި އެ ސަރަޙައްދުން އެއްވެސް މުދަލެއް އެތެރެނުކުރުމަށް އެމެރިކާގެ ވިޔަފާރިތަކަށް އަންގައިފައެވެ. އެ ގޮތުން އެމެރިކާއިން ބުނެފައިވަނީ ދޮންބާސަށްފަހު ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެންނާނެކަމަށާއި ދޮންބާސަކީ ފެށުމެއްކަމަށެވެ. އެމެރިކާއިން ބުނެފައިވަނީ ފަރަންސޭސިވިލާތާއި ޖަރުމަންވިލާތް ހިމެނޭހެން ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ގުޅިގެން ރަޝިޔާއަށް ފިޔަވަޅުއަލަން އެއްބަސްވެފައިވާކަމަށެވެ.

ރަޝިޔާއާ ދެކޮޅަށް އެންމެ ވަރުގަދަ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައިވަނީ ޖަރުމަންވިލާތުންނެވެ. އެ ގޮތުން ޖަރުމަންވިލާތުންވަނީ ރަޝިޔާއިން ވިލާތަށް ގޭސް ގެންދިޔުމަށް އަޅާފައިވާ ނޯޑު ސުޓުްރީމު 2 ބޭނުންކުރުމުގެ ޙުއްދަނުދިނުމަށް ނިންމައިފައެވެ. އެ ގޭސް ހޮޅިވަނީ ރަޝިޔާއިން ޖަރުމަންވިލާތާ ހަމައަށް އަޅައި ނިންމައިފައެވެ. އަދި އެ ހޮޅި ބޭނުންކުރުމުގެ ޙުއްދަ ނުދިނުމަކީ ރަޝިޔާއާ ދެކޮޅަށް ވިލާތުން އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ. ވިލާތަށް ބޭނުންވާ ތިންބައިކުޅަ އެއްބައި ތެލާއި ގޭސް ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. އެހެންކަމުން ޖަރުމަންވިލާތުގެ ނިންމުމުގެ ސަބަބުން ވިލާތުގެ ޤައުމުތަކަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ވިލާތަށް ކުރިމަތިވެދާނެ ހަކަތައިގެ ދަތިތައް ޙައްލުކުރުމަށް ޤަޠަރު މެދުވެރިކޮށް ތެލާއި ގޭސް ހޯދުމަށް އެމެރިކާއިން އެދުމުން އެ ޤައުމުން ބުނެފައިވަނީ ވިލާތަށް ބޭނުންވާ މިންވަރަށް ހަކަތަ ފޯރުކޮށްދިނުމުގެ ޤާބިލުކަމެއް ނެތްކަމަށެވެ. އަދި އެ ޤައުމުން މިހާރުވެސް ތެލާއި ގޭސް ގަންނަ ޤައުމުތަކަށް އިސްކަންދޭން ޖެހޭކަމަށްވެސް ޤަޠަރުން ބުނެފައިވެއެވެ. ރަޝިޔާއިން ފޯރުކޮށްދޭ މިންވަރަށް ތެލާއި ގޭސް ފޯރުކޮށްދޭނެ އެހެން ޤައުމެއް ހޯދުމަށް ވިލާތަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން ނޯޑު ސުޓުްރީމު 2 ބޭނުންކުރުމުގެ ޙުއްދަނުދިނުމަށް ނިންމި ނިންމުމަށް ޢަމަލުކުރެވޭނެ މުއްދަތަކާމެދުވަނީ ސުވާލު އުފެދިފައެވެ.

ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އިނގިރޭސިވިލާތުންވަނީ ޕުޓިންނާ ގާތްގުޅުންތަކެއް އޮންނަ ތިން ބިލިޔަނަރަކާއި ރަޝިޔާގެ ފަސް ބޭންކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެ ފިޔަވަޅުތައް އިޢުލާންކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ އެ ފިޔަވަޅުތަކަކީ ފެށުމެއްކަމަށާއި އިތުރު ފިޔަވަޅުތަކެއް އެ ޤައުމުން އަޅާނީ ރަޝިޔާގެ ޢަމަލުތަކަށް ބެލުމަށްފަހުކަމަށެވެ.

ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުން ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އެޅުން ޤަބޫލުނުކުރައްވާކަމަށެވެ. އެ ގޮތުން ރަޝިޔާގެ ނުފޫޒުގެ ދަށަށް ދޮންބާސް ގެނައުމަކީ ތުރުކީވިލާތުން ބަލައިގަންނާނެ ނިންމުމެއް ނޫންކަމަށް ވިދާޅުވަމުން އުރުދުޣާން ވިދާޅުވީ ޔޫކްރެއިނުގެ މައްސަލާގައި ހުޅަނގުގެ ބާރުތަކުން ޢަމަލުކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަމަށް ޤަބޫލުކުރައްވާކަމަށެވެ. ތުރުކީވިލާތަކީ ރަޝިޔާއާއި ޔޫކްރެއިންނާއެކުވެސް ގާތް ވިޔަފާރީގެ ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ނޭޓޯއިން ރަޝިޔާއާ އަޅައި ފިޔަވަޅެއްގައި ބައިވެރިނުވެ އެ މައްސަލާގައި ތުރުކީވިލާތުން އެއްވެސް ކޮޅަކަށް ނާރާނެއެވެ. ނަމަވެސް އެމެރިކާގެ ފިއްތުންތަކަށް ތުރުކީވިލާތަށް ނޫނެކޭ ބުނެވޭނެ މުއްދަތަކާމެދުވަނީ ސުވާލުއުފެދިފައެވެ. މީގެ ކުރިން ރަޝިޔާއިން އުފައްދާފައިވާ މިސައިލުން ރައްކާތެރިވާ ނިޒާމެއް ތުރުކީވިލާތުން ގަތުމުން އެމެރިކާއާއެކު އޮންނަ ގުޅުންތަކަށް އެ ކަމުގެ އަސަރުކޮށްފައިވެއެވެ.

ހުޅަނގުގެ ބާރުތަކުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުން ރަޝިޔާއިން ބުނެފައިވަނީ އެފަދަ ފިޔަވަޅުތަކަކީ އެ ޤައުމަށް އައު ކަމެއް ނޫންކަމަށާއި އެ ޤައުމަށް ލިބޭނެ ގެއްލުމެއް ނެތްކަމަށްށެވެ. އަދި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ރަޝިޔާއިން ވަކި ގޮތަކަށް ޢަމަލުކޮށްގެން ނޫންކަމަށާއި އެފަދަ ފިޔަވަޅުތައް އަޅަނީ ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުން ހުއްޓުވުމަށްކަމަށްވެސް އެ ޤައުމުން ބުނެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމުން ހުޅަނގުގެ ޤައުމުތަކުންވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.