ޚަބަރު

ޑްރަގުން މުޖުތަމަޢު ސަލާމަތްކުރުމަށް ލީޑަރުން ތަމްރީންކުރުމުގެ ދެވަނަ ބުރު ވެލިދޫގައި


މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީއާއި ގުޅިގެން މަސައްކަތް ކުރުމަށް ރަށު ފެންވަރުގައި ލީޑަރުން ތަމްރީންކުރުމުގެ ދެވަނަ ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ. "ކެޕޭސިޓީ ބިލްޑިންގް ފޮރ ކޮމިއުނިޓީ ލީޑަރސް ޕްރޮގްރާމް"ގެ ދެވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ ނ.ވެލިދޫގައެވެ.

ހެލްތު މިނިސްޓްރީއާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ފަށާފައިވާ "ކެޕޭސިޓީ ބިލްޑިންގް ފޮރ ކޮމިއުނިޓީ ލީޑަރސް ޕްރޮގްރާމް"އަކީ މުޖުތަމަޢުގައި މަސްތުވާތަކެއްޗަށް ހުށައެޅޭ މީހުންގެ ނިސްބަތް މަދުކުރުމާއި، އަދި މަސްތުވާތަކެއްޗަށް ހުށައެޅިފައިވާ މީހުން އެކަމުން އަރައިގަތުމަށް އެހީތެރިވުމަށް ރަށު ފެންވަރުގައި ލީޑަރުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ނ. ވެލިދޫގައި ކުރިއަށްގެންދިޔަ ތަމްރީންގައި ޓީޗަރުންނާއި، ބެލެނިވެރިންނާއި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަދި މުޖުތަމަޢުގައި ހަރަކާތްތެރިވެ އުޅޭ އެކި ފަރާތްތައް ހިމެނޭ ގޮތަށް ޖުމްލަ 26 ފަރާތަކުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ ޒަރިއްޔާއިންވަނީ ޑްރަގް އެޖެންސީގެ މަސައްކަތްތަކާއި، ފަރުވާ ޕްރޮގްރާމްތަކާއި އަދި ޑްރަގްގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް އެންޑީއޭއިން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޙިއްސާކޮށްފައެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ އެންޑީއޭގެ އެހީއަށް އެދޭ މީހުންނާއި ފަރުވާއަށް އެދޭ މީހުން އިތުރުކުރުމާއި، ޑްރަގްގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެންޑީއޭއާއި ގުޅިގެން އެހީތެރިކަން ދިނުމަށް މުޖުތަަމަޢުގެ ތެރޭގައި ހަރަކާތްތެރިވާނެ ބަޔަކު ތަމްރީންކުރުމެެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވާ ދާއިރާތަކުގެ ތެރޭގައި ސްކޫލް މާޙައުލުން އެފަދަ ކުއްޖެއް ފާހަގަކުރެވިއްޖެނަމަ ކަންކުރާނެގޮތުގެ ހުނަރު ދަސްކޮށްދީފައިވެއެވެ. މީގެއިތުރުން ޒުވާނުންނަށް މަސްތުވާތަކެތިން ސަލާމަތްވުމަށާއި، ދިރިއުޅުމުގައި ދިމާވާ އެކިއެކި މައްސަލަތައް ޙައްލު ކުރާނެގޮތްތަކާއި، ކަންކަމާއި ކުރިމަތިލާނެ ގޮތްތަކާއި އަދި ރަނގަޅުމަގު އިޚްތިޔާރުކުރުމުގައި ޢަމަލުކުރާނެ ގޮތްތަކަށް ލީޑަރުންވަނީ ތަމްރީންކޮށްފައެވެ.

މި ޕްރޮގްރާމްގައިވަނީ ސްކޫލް ދަރިވަރުންގެ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މަސްތުވާތަކެއްޗަށް ކުއްޖާ ހުށައެޅިދާނެ ސަބަބަބުތަކާއި އަދި އެކަންކަން ދެނެގަނެ ކުދިންނަށް އެހީތެރިކަން ދޭނެ ގޮތްތަކާއި، މިފަދަ ޢަމަލަކަށް ހުށައެޅިއްޖެނަމަ ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކަށް ބެލެނިވެރިން ހޭލުންތެރިކޮށްފައިވެއެވެ.

ކޮމިއުނިޓީ ލީޑަރުން، ރަށްރަށުގެ ޙާލަތު ދެނެގަނެ އަދި އެފަދަ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ނެރުމަށް ނެޝަނަލް ޑްރަގް އެޖެންސީއާއި ގުޅިގެން މަސައްކަތް ކުރާނެއެވެ. މިކަމުގެ ސަބަބުން އަމިއްލައަށް އެދިގެން އެހީއަށް އަންނަ މީހުންނަށްވެސް އިތުރު ލުއިފަސޭހަ ވެގެންދާނެއެވެ.

"ކެޕޭސީޓީ ބިލްޑިންގ ފޮރ ކޮމިއުނިޓީ ލީޑަރސް"ގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހއ.ހޯރަފުށީގައެވެ.