ޚަބަރު

ރަޝިޔާގެ ފުރަތަމަ ފިޔަވަޅު: ދޮންބާސްގެ މިނިވަންކަން ޤަބޫލުކޮށް ސިފައިން ފޮނުވުން


ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރައްވައި ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށް އެ ސަރަޙައްދަށް ސިފައިން ފޮނުއްވުމަށް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ނިންމަވައިފިއެވެ.

ދޮންބާސްގެ ދޮނެސްކާއި ލުހާންސްކުންވަނީ 2014ވަނަ އަހަރުގެ ތެރޭގައި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައެވެ. އަދި އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރުމަށް އެންމެ ފުރަތަމަ އެދިފައިވަނީ ރަޝިޔާގެ ކިބައިންނެވެ. ޔޫޚްރެއިނުގެ ފައުޖުތަކާއި ދޮންބާސްގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުންވަނީ ދޮނެސްކާއި ލުހާންސްކުގެ މިނިވަންކަން ޤަބޫލުކުރެއްވުމަށް ޕުޓިންނަށް ހުށަހަޅުއްވައިފައެވެ. އަދި ޔޫކްރެއިނުގެ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ފާއިތުވި ދުވަސްތަކުގައި ދޮނެސްކާއި ލުހާންސްކުގެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް އެތެރެވެފައެވެ.

ދޮންބާސްގެ ދޮނެސްކާއި ލުހާންސްކުގެ އެންމެ އިސްވެރިންގެ ޙާޒިރުގައި އެ ދެ ދަޢުލަތުގެ މިނިވަންކަން ޤަބޫލުކުރައްވައި ޤަރާރެއްގައި ސޮއިކުރެއްވުމަށްފަހު ޕުޓިން ވިދާޅުވީ އެ ނިންމެވުމުގެ ސަބަބުން ދޮންބާސްގައި ޔޫކްރެއިނުގެ ފައުޖުތަކުން ހިންގަމުންދާ ޤަތުލުޢާއްމާއި ލޭއޮހޮރުވުން ހުއްޓުމަކަށް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ދޮނެސްކާއި ލުހާންސްކުގެ މިނިވަންކަން ޤަބޫލުކުރުން ނޫން ގޮތެއް ނެތްކަމަށާއި އެ ސަރަޙައްދު ޙިމާޔަތްކޮށް މިނިވަން ދަޢުލަތްތަކެއްގެ ގޮތުގައި ހިންގުމަށް ރަޝިޔާއިން އެހީތެރިވާނެކަމަށެވެ. ދޮންބާސްގައި ދިރިއުޅެނީ ރަޝިޔާ ބަހުން ވާހަކަދައްކައި ރަޝިޔާ ނަޞްލުގެ މީހުންނެވެ. އެ ކަމަށް އިޝާރާތްކުރައްވައި ޕުޓިން ވިދާޅުވީ ޔޫކްރެއިނަކި އެއްވެސް އިރެއްގައި މިނިވަންކަންމަތީގައި އޮތް ޤައުމެއް ނޫންކަމަށާއި އެއީ ކުރީގެ ރޫސީވިލާތުގެ ބައެއްކަމަށެވެ. އަދި 1991ވަނަ އަހަރުގެ ތެރޭގައި ރޫސީވިލާތް ރޫޅުމުން ޔޫކްރެއިނުން އަމިއްލަ ދަޢުލަތެއް ޤާއިމުކުރި ނަމަވެސް ރަޝިޔާއާއެކު އޮތް ގުޅުންތަކަކަށް އިންކާރުނުކުރެވޭނެކަމަށް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަވައި ވާހަކަދައްކަވަމުން ޕުޓިންވަނީ ޔޫކްރެއިނާމެދު އޮތް އެންމެ ބޮޑު ހިތްހަމަނުޖެހުމަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އެ ގޮތުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ލިބިއްޖެނަމަ އެއީ ސީދާ ރަޝިޔާގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ޕުޓިންވަނީ ފާހަގަކުރައްވައިފައެވެ. އަދި ހުޅަނގާ ރަޝިޔާއާ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއަށް ޔޫކްރެއިން ވަދެ ރަޝިޔާގެ ސަލާމަތަށް ގެއްލުންވާނެފަދަ ނިންމުންތަކެއް ނިންމުމަށް ޖާގަނުދެއްވާނެކަމަށް ޕުޓިން ވިދާޅުވިއެވެ. އެ ގޮތުން އެފަދަ ޙާލަތެއްގައި ރަޝިޔާއިން އަޅަން ޖެހޭ އަސްކަރީ ފިޔަވަޅުތައް އެޅުމުގައި ފަހަތަށް ނުޖެހޭނެކަމަށާއި ހުޅަނގުން އަޅާނެ ދަތިކުރުމުގެ ފިޔަވަޅަކަށް އެއްވެސް ފަރުވާލެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅަނގުން މީގެ ކުރިންވެސް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިކަމަށާއި އޭގެ ސަބަބުން ރަޝިޔާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ދުވަހަކުވެސް ނުދޭނެކަމަށް އެއްބަސްވުމަށް ޕުޓިން އެދިވަޑައިގަތް ނަމަވެސް އެ އިއްތިޙާދުންވަނީ އެ ކަމަށް ދެކޮޅުހަދައިފައެވެ.

ރަޝިޔާގެ ނުފޫޒުގެ ދަށަށް ދޮންބާސް ގެނައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. އަދި އެމެރިކާއިންވަނީ ދޮންބާސާ އެއްވެސް ވިޔަފާރީގެ މުޢާމަލާތްތަކެއް ނުކުރުމަށާއި އެ ސަރަޙައްދުން އެއްވެސް މުދަލެއް އެތެރެނުކުރުމަށް އެ ޤައުމުގެ ވިޔަފާރިތަކަށް އަންގައިފައެވެ. އެ ގޮތުން އެމެރިކާއިން ބުނެފައިވަނީ ދޮންބާސަށްފަހު ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެންނާނެކަމަށާއި ދޮންބާސަކީ ފެށުމެއްކަމަށެވެ. އެމެރިކާއިން ބުނެފައިވަނީ ފަރަންސޭސިވިލާތާއި ޖަރުމަންވިލާތް ހިމެނޭހެން ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ނޭޓޯއިން ގުޅިގެން ރަޝިޔާއަށް ފިޔަވަޅުއަލަން އެއްބަސްވެފައިވާކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ ބަރުހަތިޔާރާއެކު 190،000 ސިފައިން ޖަމާކޮށްފައެވެ. އަދި ދޮންބާސަށް ރަޝިޔާގެ ފައުޖުތައް ވަނުމަށްފަހު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔޫކްރެއިނުގެ އެހެން ސަރަޙައްދުތަކަށް ޙަމަލާ ދޭނެކަމަށް ބެލެވޭކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. ރަޝިޔާގެ ނުފޫޒުގެ ދަށަށް ދޮންބާސް ގެނެސްފައިވަނީ ޕުޓިންނާ ބައްދަލުކުރައްވައި ޔޫކްރެއިނުގެ މައްސަލާގައި މަޝްވަރާކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވާފައިވަނިކޮށެވެ. ނަމަވެސް އެފަދަ މަޝްވަރާއެއް ކުރެވިދާނެކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.

2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.