ޚަބަރު

އަންނަ ރަމަޟާންމަހު ސަލްމާން މިސްކިތުގައި ނަމާދުކުރެވޭނެ: ރައީސް އޮފީސް


އަންނަ ރަމަޟާންމަހު ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން މިކަން ހާމަކުރައްވާފައިވަނީ ސަލްމާން މިސްކިތް ހުޅުވޭނެ ދުވަހާ ގުޅޭގޮތުން ގިނަބަޔަކު ސުވާލުކުރަމުން އަންނާތީއެވެ.

ސަޢުދީ ސަރުކާރާއި ގުޅިގެން އަންނަ ރަމަޟާން މަހަށް މިސްކިތް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިންވެސްވަނީ ހާމަކުރައްވާފައެވެ. ކިންގް ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހު ހުޅުވުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިސްކިތް ހުޅުވުން ލަސްވެފައިވަނީ ކޯވިޑް އާ ގުޅިގެން ދަތުރުފަތުރަށް ބުރު އެރުމާ ގުޅިގެން ސަޢުދީގެ ވަފްދު އައުމަށް ދަތިވުމުންކަމަށެވެ.

ކިންގ ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކުރާ މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޟޫޢުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

މިސްކިތް ޒީނަތްތެރިކުރުމުގެގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.

މިމިސްކިތް ޢިމާރާތްކޮށް ނިމި އެތައް ދުވަހެއް ވޭތުވެގެންދާއިރުވެސް މިސްކިތް ރަސްމީކޮށް ބޭނުންކުރަން އަދި ފަށާފައެއް ނުވެއެވެ.