ޚަބަރު

ޔޫކްރެއިނުގެ މައްސަލާގައި ބައިޑަންނާއި ޕުޓިން ބައްދަލުކުރައްވަނީ


ޔޫކްރެއިނުގެ މައްސަލާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ބައްދަލުކުރައްވަން އެއްބަސްވެވަޑައިގެންފައިވާކަމަށް ފަރަންސޭސިވިލާތުން ބުނެފިއެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ތެލެފޯނު މެދުވެރިކޮށް ޕުޓިންނާ ކުރެއްވި މަޝްވަރާތަކަށްފަހު ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންގެ ރަސްމީ އިދާރާއިން ބުނެފައިވަނީ ވިލާތުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުމަށް ބައިޑަންނާއި ޕުޓިން ބައްދަލުކުރައްވަން އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. ފަރަންސޭސިވިލާތުން އެހެން ބުނެފައިވަނީ ޔޫކްރެއިނުގެ އަސްކަރިއްޔާއާއި އެ ޤައުމުގެ އިރުމަތީގައި ޙަރަކާތްތެރިވާ ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢާތްތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ބަރުހަތިޔާރާއެކު 190،000 ސިފައިން ރަޝިޔާއިން ފޮނުވައިފައިވަނިކޮށެވެ. އެއާއެކު ކޮންމެ އިރަކުވެސް ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފާނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި އެމެރިކާއިންވަނީ ދީފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓު ހައުސުން ބުނެފައިވަނީ ޕުޓިންނާ ބައްދަލުކުރައްވަން ބައިޑަން އެއްބަސްވެވަޑައިގެންފައިވާކަމަށާއި އެ ބައްދަލުވުމަށް އޭނާ ޙާޒިރުވެވަޑައިގަންނަވާނީ ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ނުދޭނަމައެވެ. އަދި މަޝްވަރާކުރުމުގެ ބަދަލުގައި ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފިނަމަ އެ ކަމުގެ ނަތީޖާ ރަޝިޔާއަށް ހިތިވާނެކަމަށްވެސް ވައިޓު ހައުސުން ބުނެފައިވެއެވެ.

އެމެރިކާއާއި ރަޝިޔާގެ އެންމެ އިސްވެރިންގެ ބައްދަލުވުމާ ގުޅޭގޮތުން ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެ ބައްދަލުވުމުގައި ޔޫކްރެއިނުގެ ދަޢުރެއް އޮންނާނެކަމެއް އަދި އެ ބައްދަލުވުން ބާއްވާނެ ތާރީޚެއްވެސް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެފައިވަނީ ބައިޑަންނާއި ޕުޓިންނާއި މެޚްރޮންނާއި ޒެލެންސްކީއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންނާ ދެމެދު ކުރެވުނު ގިނަ ޢަދަދެއްގެ ތެލެފޯނު މަޝްވަރާތަކަކަށްފަހުއެވެ. ބެލެވޭ ގޮތުގައި ބައިޑަންނާއި ޕުޓިންނާ ދެމެދު ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފާ ދެމެދު ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ބާއްވައި ބައްދަލުވުމެއްގައެވެ.

2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.