ޚަބަރު

އީރާނުގެ ނިޔުކްލިޔަރ އެއްބަސްވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭނެ: އިސްރާއީލް


އީރާނުގެ ނިޔުކްލިޔަރ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުޞަތު އެބައޮތްކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަފުތާލީ ބެނެޓު ވިދާޅުވެއްޖެއެވެ.

2015ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުން ޔުރޭނިޔަމު ފައްކާކުރުން މުޅިހެން ހުއްޓާލިއެވެ. އެއާއެކު އެ ޤައުމަށް ނިޔުކްލިޔަރ ހަތިޔާރު ނުއުފެއްދޭނެކަން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ކަށަވަރުކުރެވުނެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން އެ އެއްބަސްވުމުން ވަކިވެ އަލުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުން އެއްބަސްވުމާ ޚިލާފު ކަންކަން އެ ޤައުމުން ކުރަންފެށިއެވެ. އޭގެ ތެރޭގައި ނިޔުކްލިޔަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ޔުރޭނިޔަމު %60އަށް ފައްކާކުރުން ހިމެނެއެވެ. އެއާއެކު ދުނިޔޭގެ ބޮޑެތި ބާރުތަކުންވަނީ އީރާނާއެކު އަލުން އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފައެވެ.

ފަލަސްޠީނުގެ ޤުދުސްގައި އެމެރިކާގެ ޔަހޫދީންނާ ބައްދަލުކުރައްވައި ބެނެޓު ވިދާޅުވީ އަލުން އެކުލަވާލަން މަސައްކަތްކުރާ އެއްބަސްވުމަކީ 2015ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ ބަލިކަށި އެއްބަސްވުމެއްކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް ބެނެޓުވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އައު އެއްބަސްވުމުގެ އެންމެ ބޮޑު މައްސަލައަކީ އެ އެއްބަސްވުމުގެ ކުރު މުއްދަތެވެ. އެ ގޮތުން ދެ އަހަރާއި 6 މަސްދުވަހަކީ އެފަދަ އެއްބަސްވުމަކަށް އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި އީރާނަކީ ނިޔުކްލިޔަރ ޤާބިލްކަން ލިބިފައިވާ ޤައުމެއްގެ ގޮތުގައި އިސްރާއީލުން ބަލައިނުގަންނާނެކަމަށާއި ޔަހޫދީންގެ ދިފާޢުގައި އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެކަމުގެ ޔަޤީންކަންވެސް އޭނާވަނީ ދެއްވައިފައެވެ.

އީރާނުން ބުނެފައިވަނީ އެ ޤައުމުގެ ނިޔުކްލިޔަރ މަޝްރޫޢުއަކީ ހަތިޔާރު އުފެއްދުމުގެ ބަދަލުގައި ހަކަތަ އުފެއްދުމުގެ ބޭނުމުގައި ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން އީރާނުގެ ވާހަކަތަކެއް ޤަބޫލެއްނުކުރެއެވެ.