ޚަބަރު

ރާނީ އެލިޒަބެތަށް ކޯވިޑް-19 ޖެހިއްޖެ


އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ރާނީ އެލިޒަބެތަށް ބަލިޖެހުނު ނަމަވެސް ޙާލުކޮޅު ރަނގަޅެވެ. އަދި ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި މަޤާމުގެ ބައެއް މަސްޢޫލިއްޔަތުތަކާ ޙަވާލުވެވަޑައިގަންނަވާނެކަމަށްވެސް ޝާހީ ގަނޑުވަރުންވަނީ ބުނެފައެވެ.

ޢުމުރުފުޅުން 95 އަހަރުގެ ރާނީ އެލިޒަބެތުވަނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯސް ޖައްސަވައިފައެވެ. ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި މީގެ ހަތަރުވަރަކަށް ދުވަސްކުރިން ޞިއްޙީ ޙާލުކޮޅު ގޯސްވެގެން ރާނީ އެލިޒަބެތުވަނީ ގަނޑުވަރުގެ މުވައްޒަފުންގެ ސަމާލުކަމަށް އެކަން ގެންނަވައިފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ޞިއްޙީ ޙާލުކޮޅު ގޯސްވެގެން ރާނީ އެލިޒަބެތަށްވަނީ ހަސްފަތާލުން ފަރުވާ ހޯއްދަވައިފައެވެ. އެ ކަމަނާގެ ރަނިކަމަށް 70 އަހަރުފުރުމުގެ ޙަފުލާ ބާއްވާފައިވަނީ މީގެ ދެ ހަފުތާކުރިންނެވެ.

މި މަހުގެ 10ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވަލީއަހުދު ޗާލްސަށްވެސްވަނީ ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހިފައެވެ. ޢުމުރުފުޅުން 73 އަހަރުގެ ޗާލްސަށް އެންމެ ފުރަތަމަ ކޯވިޑް-19 ޖެހިފައިވަނީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭގެ ދުވަސްކޮޅެއްފަހުން އޭނާގެ ދަރިކަލުން ވިލިއަމަށްވެސްވަނީ ބަލިޖެހިފައެވެ. ޗާލްސަށް ދެވަނަ ފަހަރަށް ބަލިޖެހުނުކަން އެނގުނުތާ ހަތަރު ދުވަސްފަހުން އޭނާގެ އަނބިކަނބަލުން ކެމިލާއަށް ކޯވިޑް-19 ޖެހިފައިވާކަން އިނގިރޭސިވިލާތުގެ ވަލީއަހުދުގެ ގަނޑުވަރުންވަނީ ބުނެފައެވެ. މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ޗާލްސްއާއި އޭނާގެ އަނބިކަނބަލުން ކެމިލާވަނީ ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ޖައްސަވައިފައެވެ.

2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށްވެސް ކޯވިޑް-19 ޖެހުނެވެ.