ޚަބަރު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށައިފި


ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ފަށައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހު އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަވިކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހު ނެރުނު ހުކުމުގައި ފައިސަލާކޮށް ނިޔާ ކަނޑައަޅުއްވާފައިވާކަމެވެ. އަދި ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަން އެ ކޮމިޝަނަށް ފާހަގަވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ކޯޓަށް ހުށަހެޅިކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ނަމަވެސް ސްޕްރީމް ކޯޓުން 8 ފެބްރުއަރީ 2022 ވަނަ ދުވަހު ނިންމަވާފައި ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށްކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން ވިދާޅުވީ ކޯޓުތަކާބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށާއި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. އަދި ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެވެސް ހިމެނޭ ގޮތަށްކަމަށާއި، ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީވެސް އިދާރީ ވަކި ރަށްރަށެއް ނޫންކަމާއި މާލޭގެ އަވަށްތަކެއްކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން ވިދާޅުވީ މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދި ހަމަ މާލޭގެ އަވަށް އަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފުނުވެ ކުރެވޭނެ ކަމެއް ނޫންކަން، އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް ފެންނަން އެބައޮތްކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ 2012 ވަނަ އަހަރު ޤާއިމްކުރި ކޯޓެކެވެ. ނަމަވެސް އެ ކޯޓުގެ ސައްހަކަމާއިމެދު ޤާނޫނީ ބޮޑު ބަހުސެއް އަބަދުވެސް އޮންނަކަން ފާހަގަކޮށްލެވެއެވެ.

ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2012 ވަނަ ޤާއިމްކުރި ހުޅުމާލޭ ކޯޓަކީ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް އުފެއްދި ތަނެއްކަމަށެވެ. އަދި ޤާނޫނުގައި ނެތް ކަމެއް ޤާނޫނާ އެއްގޮތަށް ނުކުރެވޭނެކަމަށާއި، ޤާނޫނީ މިބޮޑު ފުށުއެރުން ރަނގަޅުކުރުމަށް ޤާނޫނު އިޞްލާޙުކުރައްވާނެކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.