ކުޅިވަރު

ފަހު މެޗުގައި އަޙްމަދު މުޙައްމަދާއި މުޙައްމަދު ޢަލީގެ ޕެއާ އަށް މޮޅެއް


ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަހުމަދު މުހައްމަދާއި މުހައްމަދު އަލީގެ ޕެއާ ކުޅުނު ފަހު މެޗުން މޮޅުވެއްޖެ. ރާއްޖޭގެ ފިރިހެން އެއްވަނަ ޕެއާ، އިސްމާއިލް ސާޖިދު އާއި އާދަމް ނަސީމްގެ ޕެއާ އިން ކުޅުނު ފަހު މެޗުގައި މުބާރާތުގެ ފޭވަރިޓުން ކަމަށްވާ އީރާން އަތުން ވަނީ ބަލިވެފައެވެ.

ރާއްޖޭގެ ފިރިހެން ދެ ޕެއާ އަށް ވެސް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުންނެވެ. އަޙުމަދު މުޙައްމަދު ކޯކޭ އާއި މުޙައްމަދު ޢަލީ ޑެންޒޯ ވަނީ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ. ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.

އިއްޔެ ޑެންޒޯ އާއި ކޯކޭގެ ޕެއާ ކުޅުނީ ލަންކާގެ އެއް ވަނަ ޕެއާ ކަމަށްވާ ޓިރޯން އާއި އަޝެންގެ ޕެއާއާއެވެ. އެ މެޗުން ޓިރޯން އާއި އަޝެންގެ ޕެއާ މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެއީ 21-17 އަދި 21-18 އިންނެވެ.

ހަވީރު ކުޅުނު މެޗުގައި އުޒްބެކިސްތާންގެ ޕެއާ، އަތުން ޑެންޒޯ އާއި ކޯކޭގެ ޕެއާ މޮޅުވީ 21-10، 21-14 އިންނެވެ.

ފިރިހެން ބައިގެ ކޮންމެ ގްރޫޕެއްގައި ފަސް ޓީމެއް އޮތްއިރު، ސެމީ އަށް ދާނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ ދިޔައީ ވާދަކުރި ގްރޫޕްގެ ތިން ވަނައަށެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ދިޔައީ ހަތަރު ވަަނައަށެވެ.

ކުޅުނު ފުރަތަމަ މެޗުގައި ލަންކާގެ ތިން ވަނަ ޕެއާ ކަމަށްވާ ނަލިން އާއި މަލިންތަ ޔާޕާގެ ޕެއާ އަތުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މޮޅުވިނަމަވެސް ޕާކިސްތާނާއި ލަންކާގެ ދެވަނަ ޕެއަރ އަތުން ބަލިވެފައިވާތީ މެޗަށް ނުކުތްއިރު ވެސް ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އޮތީ ދެވަނަ ބުރަށް ދިއުމަށް ޕްރެޝަރު ބޮޑުވެފައެވެ.

އީރާންގެ އެއް ވަނަ ޕެއާއާ ވާދަކޮށް ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މެޗުގެ ސެޓުތައް ޝޭކަރާއި އަރޯގެ ޕެއާ އިން ގެންދިޔައީ 18-21، 19-21 އިންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ އާމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ ކުޅުނީ ލަންކާގެ ދީޕިކާ އާއި ދިނޭޝާގެ ޕެއާއާއެވެ. ދީޕިކާ އާއި ދިނޭޝާގެ ޕެއާ ވަނީ ރާއްޖޭގެ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ ބަލިކޮށްފައެވެ. ދިނޭޝްގެ ޕެއަރއިން މެޗުގެ ސެޓުތައް ގެންދިޔައީ 21-13، 21-09 އިންނެވެ.

ސެމީ ފައިނަލްގައި ރުދައިނާ އާއި ނާޒިމާގެ ޕެއާ އަތުން ދީޕިކާ އާއި ދިނޭޝާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ދިނޭޝްގެ ޕެއަރ ސެޓުތައް ގެންދިޔައީ 04-21، 08-21 އިންނެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ހަވީރު ރުދައިނާ އާއި ނާޒިމާ ކުޅޭނީ ލަންކާގެ ޗަތުރިކާ އާއި ހަޝިނީގެ ޕެއާއާ ދެކޮޅަށެވެ. ޗަތުރިކާ އާއި ހަޝިނީގެ ޕެއާ ވަނީ ގްރޫޕް ސްޓޭޖުގައި ރުދައިނާ އާއި ނާޒިމާގެ ޕެއާ ބަލިކޮށްފައެވެ.

ސެމީގައި ކުޅުނީ ރުދައިނާ އާއި ނާޒިމާގެ އިތުރުން ލަންކާގެ ތިން ޕެއާއެވެ.

ސެންޓްރަލް ޒޯންގެ ބީޗްވޮލީބޯޅަ މުބާރާތަކީ ގައުމީ ބީޗްވޮލީބޯޅަ ޓީމަށް ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިން ގެނައި ފަހުން ކުރިމަތިލި ފުރަތަމަ މުބާރާތެވެ. މި މުބާރާތަށް ތައްޔާރުވުމަށް މަހެއްހާ ދުވަހު ޕްރެކްޓިސް ކުރިއެވެ.