ރަޝިޔާގެ ރައީސް ވްލަޑްމީރު ޕޫޓިން ޔޫކްރެއިންއަށް އަރައިގަތުމަށް ނިންމަވާފައިވާކަމަށާއި، އަސްކަރީ ޙަމަލާއެއް ބިނާކުރުމުގެ މަޤްޞަދުގައި ދޮގު މަޢުލޫމާތުތައް އަދިވެސް ފަތުރަމުންދާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ވޮޝިންޓަންގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ، މި ގޮތަށް ވިސްނިވަޑައިގަންނަވާނެ ސަބަބުތައް އެބަހުރި ކަމަށެވެ.
މި މޭރުމުން ބައިޑަން ވާހަކަދެއްކެވީ ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ޕޮލެންޑް، ރޫމޭނިއާ، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން އަދި ނޭޓޯގެ ލީޑަރުންނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް ފަހުކަމަށް ވައިޓް ހައުސުން ބުނެއެވެ. މި ފޯނު ކޯލުތަކުގައި ދެއްކެވި ވާހަކަފުޅުތަކަށް ބިނާކުރައްވާ ވައިޓް ހައުސުން ބުނެފައިވަނީ މި ކޯލުތަކުގައި ބައިވެރިވެވަޑައިގެން ލީޑަރުން ވަނީ ރަޝިޔާއިން އިތުރު ފިއްތުންތައް ކުރިމަތިކުރުވާނަމަ، ރަޝިޔާއާ މެދު ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށެވެ.
އަދި ނޭޓޯގެ އިރުމަތީގެ ދިފާއީ އަދި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ވައިޓް ހައުސުން ބުންޏެވެ.
ބައިޑަންގެ ސަރުކާރުން ބުނީ ރަޝިޔާއިން ބޭނުންނަމަ ޑިޕްލޮމެޓިކް ހައްލެއް އަދިވެސް ހޯދިދާނެކަމަށާއި ނަމަވެސް މޮސްކޯއިން ހަމަލާދޭން ބޭނުންނަމަ ހަރުކަށި އަދަބުތައް ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫރަޕްގައި ބައްދަލުކުރެއްވުމަށް ރާއްވަވާފައިވާކަން ފާހަގަކުރައްވާ ބައިޑަން ވިދާޅުވީ އޭގެ ކުރިން ރަޝިޔާގެ އަސްކަރީ އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ ޑިޕްލޮމެޓިކަ ހައްލަކަށް ރަޝިޔާއަށް އިޖާބަ ނުދޭކަން ހަށަވަރުވާނެކަމަށެވެ.
ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ރަޝިޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނޭޓޯގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަކެވެ. އެ ގޮތުން ނޭޓޯގެ މެންބަރުކަން ޔޫކްރެއިންނަށް ލިބިއްޖެނަމަ ރަޝިޔާގެ އިރުމަތީ ބިތުގައި އޮންނަ ހުރިހާ ޤައުމެއްގައި އަސްކަރީ ފައުޖުތައް މަރުކަޒުކުރުމުގެ ފުރުޞަތު ނޭޓޯއަށް ލިބޭނެއެވެ. އެއާއެކު ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިން ޖަމާކޮށްފައިވާ ފައުޖުތައް ފަހަތަށް ޖެއްސުމަށް އެ ޤައުމުން ކޮށްފައިވާ އެންމެ މުޙިއްމު ޝަރުތަކީ ނޭޓޯގެ މެންބަރުކަން ޔޫކްރެއިންނަށް ނުދޭނެކަން ކަށަވަރުކޮށްދިނުމެވެ. ނަމަވެސް ރަޝިޔާގެ އެއްވެސް ޝަރުތެއް ޤަބޫލުކުރުމަށް އެމެރިކާއާއި ނޭޓޯއާއި ވިލާތުގެ އިއްތިޙާދުން އެއްބަސްވެފައެއް ނުވެއެވެ. އަދި އެ މައްސަލަ ޙައްލުކުރުމަށް ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި ރަޝިޔާގެ އެންމެ އިސްވެރިންގެ މެދުގައި ކުރި އެއްވެސް މަޝްވަރާއެއް ކާމިޔާބުވެފައެއް ނުވެއެވެ.