އިންގްލިޝް ޕްރިމިއަރ ލީގުގެ ނިއުކާސްލްއަށް ވަރަށް ފަހުން ގުޅުނު ކިއެރަން ޓްރިޕިއަރއަށް މިސީޒަން ނިމުމުގެ ކުރިން ކުޅުމުގެ ތެރެއަށް އާދެވޭނެކަމާމެދު އެއްޗެއް ބުނަން ނޭނގޭކަމަށް އެޓީމުގެ ކޯޗް އެޑީ ހޯވް ބުނެފިއެވެ. ޓްރިޕިއަރ ވަނީ އެންމެފަހުން އެސްޓަންވިލާ އާއި ނިއުކާސްލް ބައްދަލުކުރިމެޗްގައި ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަނެއް ކޮށްފައެވެ.
އެމެޗްގައި އޭނާ ދެވަނަ ހާފްގައި ބާލާފައިވަނީ އެމެޗުން މޮޅުވި ލަނޑުވެސް ކާމިޔާބު ކޮށްދިން ފަހުންނެވެ. ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑްއިން 12 މިލިއަން ޕައުންޑްގެ އަގަކަށް ނިއުކާސްލްއަށް ބަދަލުވި ޓްރިޕިއަރ ވަނީ އޭގެ ކުރީ މެޗްގައިވެސް ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
ހޯވް ބުނީ ބުރާސްފަތި ދުވަހު ކުރި އޮޕަރޭޝަން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ނަމަވެސް އޭނާ ކުޅުމާއި ދުރުގައި ހުންނަންޖެހޭ މުއްދަތު އަދި ދެނެގަނެވިފައި ނުވާކަމަށެވެ. އަދި އުންމީދަކީ ސީޒަން ނިމުމުގެ ކުރިން އޭނާ ނިއުކާސްލްއަށް ކުޅޭތަން ދުށުން ކަމަށްވެސް އޭނާ ބުންޏެވެ. ހޯވް ބުނީ ޓްރިޕިއަރ އަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން ދަނޑުމަތީގައި ވަރުގަދަ ލިޑަރެއް ކަމުން އޭނާގެ ތަޖްރިބާ މިދަނޑިވަޅުގައި ނުލިބުން އެއީ ޓީމަށް ލިބިގެންދާނެ ހީނަރުކަމެއްކަމަށެވެ.