ޚަބަރު

ޔޫކްރެއިނުގައި ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަރަށް ބޮޑު: ބައިޑަން


ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާއެއް ދިނުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށާއި އަދިވެސް އިސްކަމެއް ދެއްވަނީ މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރެއްވުމަށްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ދައްކައި ގޮތުގައި ކުރިޔަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާ ދޭނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. އަދި އުޒުރެއް ދެއްކުމަށްފަހު ރަޝިޔާއިން ކުއްލި ޙަމަލާއެއް ދިނުން އެކަށީގެންވާކަމަށާއި ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިން ރަޝިޔާގެ ފައުޖުތައް ފަހަތަށް ނުޖައްސާކަން ކަށަވަރުވެފައިވާކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި ރަޝިޔާއާ ދެމެދު އޮންނަ ޚާރިޖީ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ބައިޑަން ވިދާޅުވީ ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ އިތުރަށް މަޝްވަރާކުރެއްވުމަށް ނުވިސްނަވާކަމަށެވެ. މީގެ ކުރިން ޔޫކްރެއިނުގެ މައްސަލާގައި ބައިޑަންނާއި ޕުޓިންނާ ދެމެދު ކުރި މަޝްވަރާތައް ނިމިފައިވަނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. އަދި ރަޝިޔާއިންވަނީ އެ ޤައުމަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރުގެ ނައިބު އަނބުރައި ފޮނުވާލައިފައެވެ.